ޣައްޒާގައި އިސްރާއީލުން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަތިޔާރުއެޅި ބަޔަކު ބައިވެރިވި ކަމަށް ތުހުމަތުކޮށްފި
މެދުތެރޭ ޣައްޒާގައި އިސްރާއީލު ސިފައިން ހިންގި އެއްގަމު އަސްކަރީ އޮޕަރޭޝަނެއްގައި، ޔަހޫދީ އިސްރާއީލަށް ވާގިވެރިވާ ފަލަސްތީނުގެ ހަމާސްއާ ދެކޮޅު ހަތިޔާރުއެޅި ގްރޫޕުތަކަކުން ބައިވެރިވެ އެހީތެރިވެދީފައިވާ ކަމަށް ފަލަސްތީނުގެ ސަލާމަތީ ފަރާތްތަކުން ތުހުމަތުކޮށްފިއެވެ.
މި ހާދިސާ ފެށިގެން ދިޔައީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ އުތުރު ބިތުގައި އޮންނަ އަލްދަޢުވާ މަގުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު އަންހެނުންތަކެއް ހިޔާވަހިކަން ހޯދަމުންދިޔަ ގެއެއްގެ ބޭރަށް، އާންމު ހެދުމުގައި ތިބި އަދި ކުދި ހަތިޔާރު އަޅައިގެން ތިބި ފަލަސްތީނުގެ ހަނގޫރާމަވެރި ބަޔަކު ވަދެގަތެވެ.
އެވަގުތު އިސްރާއީލުގެ ޑްރޯންތައް އުދުހެމުން ދިޔައިރު، އެ މީހުން ވަނީ އެ ގެ ވަށައިލުމަށްފަހު އަންހެނުންތައް މަގުމައްޗަށް ނެރެ، ޓޯޗު އަޅައިގެން ވަކި ފިރިހެނަކު ހޯދުމަށް ސުވާލުކޮށް ބިރުދައްކާފައެވެ. އަދި ވައިގެ ތެރެއަށް ބަޑިޖެހުމަށްފަހު، އެއްވެސް މީހަކު ހައްޔަރުނުކޮށް މި ގްރޫޕުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
އޭގެ މަދު ގަޑިއިރުތަކެއް ފަހުން، ބުދަ ދުވަހު އިސްރާއީލު ސިފައިން ވަނީ ނުސައިރާތު އަދި ބުރައިޖު ކޭމްޕު ކައިރީގައި އެއްގަމު މަގުން ވަރުގަދަ އޮޕަރޭޝަނެއް ފަށައި، ޣައްޒާގެ މައި މަގު ކަމަށްވާ ސަލާހުއްދީން މަގު ބަންދުކޮށްފައެވެ. ޣައްޒާގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނާ ގުޅިގެން ގާތްގަނޑަކަށް 6000 އެއްހާ މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް ފިލައިގެން ގޮސްފައެވެ.
އަދި މި ހަމަލާތަކުގައި ފަލަސްތީނުގެ އެކަކު ޝަހީދުވެފައިވާ އިރު، ބުރާސްފަތި ދުވަހު އިސްރާއީލުން ބުނެފައިވަނީ އެމީހުންގެ ސިފައިންނަށް ނުރައްކާވާ ފަދަ ޓަނަލެއް ނައްތާލުމަށް ހިންގި މި އޮޕަރޭޝަން ނިމިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސަލާމަތީ މަސްދަރަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދިން ގޮތުގައި، އިސްރާއީލުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި އެ ގައުމުން ވާގިވެރިވާ ޣައްޒާގެ ހަތިޔާރުއެޅި ގްރޫޕުތަކުން ބައިވެރިވެފައިވެއެވެ.
މި ގޭންގުތަކުން ވަނީ އާންމުންނަށް ބިރުދައްކައި، ގެދޮރު ދޫކޮށް ދިއުމަށް އާއިލާތަކަށް މަޖުބޫރުކުރުވާފައެވެ. އަދި މި ގްރޫޕުތަކަށް އިސްރާއީލު ސިފައިން ވަނީ ވައިގެ މަގުންނާއި ބިމުން ހިމާޔަތްދީ، ސަލާހުއްދީން މަގު ބަންދުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަލާމަތީ ފަރާތްތަކުން ސިފަކޮށްފައިވަނީ މި ގްރޫޕްތަކަކީ ފަލަސްތީނުގެ އެތެރޭގެ އެއްބައިވަންތަކަން ނައްތާލައި، ގައުމުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން ފައިސާއާއި ހަތިޔާރު ދީގެން އުފައްދާފައިވާ "ގޭންގުތަކެއް" ގެ ގޮތުގައެވެ.
އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި 74،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، ހަމާސްއާ ދެކޮޅު ގްރޫޕުތަކަށް އެހީތެރިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މީގެ ކުރިން އިއުތިރާފުވެފައެވެ.
