ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފިލްމީ ތަރި އަޒޭ، ޖުމާ އަދި ރޯމަން ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި
ވިލިމާލޭގެ ކޮޓަރިއެއްގެ ތެރޭގައި ހާމައަށް ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތިން ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (44އ)، އިސްމާއީލް ޖުމައިހް (35އ)، މުހައްމަދު ވިޝާލް (29އ) އަދި އިތުރު މީހަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންގައި އެމީހުން ތިބި ކޮޓަރީގެ ތެރެއިން ހައްޔަރުކުރި ހަތަރުވަނަ މީހަކީ އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެއަށް ވަދެ ބަލައިފާސްކުރިއިރު، އެމީހުން ތިބި ކޮޓަރީގެ ތެރޭގައި މަސްތުވާތަކެތި ހުރީ އެއްވެސް ނިވާކަމެއް ނެތި ފެންނަ ގޮތަށް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެތަނުން ފެނުނު ތަކެތީގެ މިންވަރަށް ބަލައި، އެމީހުންގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ބޮޑު ތުހުމަތެއް ކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓު ރިކޯޑުތަކުން އެނގޭ ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ކުޑަކަމުދާއެކުޗި ވަނީ މަސްތުވާތަކެތީގެ އެކި ބާވަތްތަކަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށުގެ ރިކޯޑު އޮތް މީހުންނެވެ.
