ވީއައިއޭގައި ހިނގި ޓީއެމްއޭ ސީޕްލޭން އެކްސިޑެންޓުގައި ޒަހަމްވި ކްރޫ މެންބަރަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ބުދަ ދުވަހުގެ މެންދުރުފަހު ހިނގި ޓީއެމްއޭ ގެ ސީޕްލޭން އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ކެބިން ކްރޫ މެންބަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 11 ވީ ބުދަ ދުވަހުގެ މެންދުރު 2:25 ހާއިރު، ވީއައިއޭގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމް (ޓީއެމްއޭ ޖެޓީ) ކައިރީގައެވެ. މި އެކްސިޑެންޓު ދިމާވެފައިވަނީ ރަޖިސްޓްރީ ނަންބަރު 8Q-TAL ގެ ޑީ ހެވިލޭންޑް ކެނެޑާ DHC-6-300 ޓްވިން އޮޓާ މަރުކާގެ ސީޕްލޭނަކަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެކި ފަރާތްތަކުން މައުލޫމާތު ލިބިފައިވަނީ ތަފާތުކޮށެވެ. އެމްއޭސީއެލްއާއި އާންމުވި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގީ ސީޕްލޭން ޓާމިނަލާ ކައިރިކުރުމަށް ޓެކްސީ ކުރަމުން ދަނިކޮށެވެ. ނަމަވެސް، ހާދިސާގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން މީޑިއާއަށް ކިޔައިދިން ގޮތުގައި، ސީޕްލޭން ނައްޓާލަން އުޅެނިކޮށް އިންޖީނަށް މައްސަލައެއް ދިމާވެ ކުއްލިއަކަށް ބޯޓުގެ ސްޕީޑް ބާރުވުމުން، ޕައިލެޓަށް ބޯޓު ކޮންޓްރޯލް ނުކުރެވި އެއްފަޅިއަކަށް ބަރުވީއެވެ.
ބޯޓު އެއްފަޅިއަކަށް އަރިއަޅާލި ވަގުތު، ސީޕްލޭންގެ އެއް ފްލޯޓް ބިންދައިގެން ގޮސް ބޯޓުން ވަކިވާން އުޅުނެވެ. އެ ވަގުތު ކަނދުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ޒުވާން ދިވެހި ކްރޫ، ބިންދައިގެން ދިޔަ ކަނދާއި ބޯޓާ ދޭތެރޭ ފިތި ތާށިވުމަށްފަހު ކަނޑަށް ވެއްޓުނީއެވެ.
މައުލޫމާތު އެނގޭ ފަރާތްތަކުން ބުނި ގޮތުގައި، ކަނޑަށް ވެއްޓުނު ކްރޫ ނަގަން ސަލާމަތީ ޓީމުތަކަށް އިރުގަނޑެއް ނެގިއެވެ. އަދި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ހުރީ ކިރިޔާ ވިންދު ކަމަށާއި، ހާލު އިންތިހާއަށް ސީރިއަސްވުމުގެ ސަބަބުން ވަގުތުން އައިސީޔޫއަށް ވައްދައި ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށްވެއެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، އޭނާއާ ގާތް ފަރާތްތަކުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ ވަގުތަށް ވުރެ މިހާރު ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް، މާ ބޮޑު ކުރިއެރުމެއް އަދި ނުލިބޭ ކަމަށެވެ.
BREAKING: A TMA seaplane has crashed into the sea near the seaplane terminal. Eyewitnesses report that one of its floats broke while off-docking preparing for takeoff, forcing the plane into the water. Guests were on board. https://t.co/BhJ9ZLes3U
— Adhadhu (@AdhadhuMV) November 11, 2026
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކަނދު ބިންދައިގެން ދިއުމުގެ ސަބަބުން ސީޕްލޭން ވަރަށް ބޮޑަށް އަރިއަޅާލައި، ބޯޓުގެ ތެރެއަށް ލޮނު ވަދެ ދިޔަވަމުން ދިޔައެވެ.
މި ހާދިސާއާ ގުޅިގެން ޓީއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ، ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކްރޫން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށާއި، އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް، ޓީއެމްއޭއިން މީޑިއާއާ ހިއްސާކުރި ފުރަތަމަ މައުލޫމާތުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު ކްރޫގެ ވާހަކައެއް ހިމަނާފައެއް ނުވެއެވެ.
އެމްއޭސީއެލް އިން ބުނީ، ހާދިސާ ހިނގުމާއެކު އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ނަމަވެސް ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދީފައިވެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ހާދިސާ ހިނގައިދިޔަ ގޮތް ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
