ބޭރު މީހުންނަށް "ތާއަބަދަށް" ބިން ލިބޭ ގޮތަށް އޮތް ރިއަލް އެސްޓޭޓް ބިލަށް އިލްމުވެރިންގެ ގުޅުމުން 19 އިސްލާހެއް ހުށަހަޅައިފި
ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްގެ ދަށުން އެ މުއްދަތު ހުސްނުވެ ތާއަބަދަށް އާވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ދިރާސާކުރުމަށްފަހު، އިލްމުވެރިންގެ ގުޅުމުން އެ ބިލަށް 19 އިސްލާހެއް ހުށަހަޅައިފިއެވެ.
އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ ބިލުގެ 89 ވަނަ މާއްދާއެވެ. އެ މާއްދާ ބުނާ ގޮތުން ހާއްސަ ޒޯނުތަކުގައި ހުންނަ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެއެވެ. ނަމަވެސް، ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން އޭނާއަށް ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ. އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހެއެވެ. މީގެ އިތުރުން، ބިލުގެ 78 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް އެގޮތަށް ދޫކުރާ ލީސްތައް ދެމިއޮންނާނެއެވެ.
މި އުސޫލާ ދެކޮޅަށް އިލްމުވެރިންގެ ގުޅުމުން އެންމެ އިސްކަމެއް ދީގެން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ޕްރޮޕަޓީގެ ލީސްގެ 99 އަހަރު ގުނަން ފަށަންވާނީ ދައުލަތުން އެ ލީސް ފުރަތަމަ ފަހަރަށް ދޫކުރި ދުވަހުން ފެށިގެން ކަމަށެވެ. އަދި އެ ޕްރޮޕަޓީ އެހެން ފަރާތަކަށް ވިއްކާލުމުން، ހަދިޔާކުރުމުން، ނުވަތަ ވާރުތަވުމުން ވެސް ލިބެންވާނީ އެ 99 އަހަރުން ބާކީ ހުރި އަހަރުތައް އެކަނި ކަމަށާއި، އާ 99 އަހަރެއް ލިބިގެން ނުވާނެ ކަމަށް އެ ގުޅުމުން ބުނެއެވެ.
ރަސްމާލެ ޑީލާ ދެކޮޅަށް އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ނެރުނު ބަޔާނުގައި ފާހަގަކުރި 64 މައްސަލައިގެ ތެރެއިން މި ބިލުން ހައްލުވެފައިވަނީ އެންމެ ކަމެކެވެ. އަދި 29 ކަމަކަށް ބައެއް ހައްލު ލިބޭއިރު، 27 ކަމަކަށް އެއްވެސް ހައްލެއް ނެތް ކަމަށާއި، ބިލުގެ ސަބަބުން އިތުރު 7 މައްސަލައެއް ގާނޫނީ ސިފަ ޖެހިގެންދާނެ ކަމަށް ވެސް އެ ދިރާސާގައިވެއެވެ.
ބިލަށް ހުށަހެޅި މައިގަނޑު އިސްލާހުތައް:
- މިލްކުވެރިކަން ހަނިކުރުން: ބިމާއި ޕްރޮޕަޓީ މިލްކުކުރުމާއި ގަތުމުގެ ހައްގު އޮންނާނީ ދިވެހިންނަށާއި ޝަރުތު ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ބިލުގައި ކަނޑައެޅުން.
- ލީސްގެ މުއްދަތު ހިފެހެއްޓުން: ފުރަތަމަ ލީސް ދޫކުރާ ތާރީހުން ފެށިގެން 99 އަހަރު ގުނުމާއި، މުއާމަލާތްތަކުގައި ބާކީ އޮތް މުއްދަތު އެކަނި ލިބޭ ގޮތަށް ހެދުން.
- މަޖިލީހުގެ ރުހުން ހޯދުން: ހާއްސަ ޒޯނުތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ލާޒިމުކުރުން.
- އިސްތިސްނާ މާއްދާ އުނިކުރުން: މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ހާއްސަ ލުއިތަކެއް ލިބޭ ގޮތަށް އޮތް 159 ވަނަ މާއްދާގެ (ހ) ބިލުން އުނިކުރުން.
- ރަށްވެހިކަމާއި ވިސާ ނުދިނުން: ޕްރޮޕަޓީއެއް ގަތުމަކީ ވިސާ ނުވަތަ ދިވެހި ރަށްވެހިކަން ލިބޭނެ ކަމެއް ނޫންކަން ބިލުގައި ސާފުކޮށް ބަޔާންކުރުން.
މިހާރު ބިލުގައި އޮތް ގޮތުން، ބޭރު މީހުންނަށް އެ ޕްރޮޕަޓީތައް އަލުން ވިއްކުމާއި ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ ބާރު ލިބެއެވެ. މިއީ ގާނޫނުއަސާސީން ދީފައިވާ ރައްކާތެރިކަން ނައްތާލައި، ނުސީދާކޮށް ބޭރު މީހުންނަށް ތާއަބަދަށް ބިން މިލްކުކޮށްދިނުމަށް ރާވާފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ނަމަވެސް ސަރުކާރުން ދެކެނީ މިއީ ރިއަލް އެސްޓޭޓް ވިޔަފާރި ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ ލުޔެއްގެ ގޮތުގައެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ރަސްމާލެ މަޝްރޫއުން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރުގެ އުސޫލުން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެއްބަސްވެވަޑައިގަންނަވާ އޯޑިއޯއެއް ދާދި ފަހުން ލީކުވުމާ ގުޅިގެންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، އިންވެސްޓަރުންގެ މުދަލުގެ އަގު ނުވެއްޓޭނެ ގޮތް ހެދުމަށްޓަކައި، ތަން ވިއްކާލާ ކޮންމެ ފަހަރަކު ފީއެއް ނެގުމަށްފަހު އާ 99 އަހަރުގެ ލީސްއެއް ސަރުކާރުން ދޫކުރާނެ ކަމަށެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު 12 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ވަނީ އެ ކުންފުންޏަށް ދޫކޮށްފައެވެ. ދިވެހިންގެ ބޯހިޔާވަހިކަމަށް ހިއްކި ބިން ބޭރު ބަޔަކަށް ތާއަބަދަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވެސް ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން، އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ވުމާއި، މި ބިލުގެ ސަބަބުން ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވުމަށް މަގުފަހިވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންގެ ބޮޑު ނުރުހުމެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
