ރަސްމާލެ-އީގަލް ހިލްސް މަޝްރޫއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި !
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރުމަށް ރޭވިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށްޓަކައި، އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ، މާލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި ގޮތުގައި، މި ގަރާރަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމެވި ނިންމެވުމަކާ ގުޅިގެން ޕާލިމެންޓްރީ ގްރޫޕާ ހަވާލުކުރެވުނު ޒިންމާއެއްގެ ދަށުން ހުށަހެޅި ގަރާރެކެވެ. އަދި މި ގަރާރު މަޖިލީހަށް ހުށަހެޅިތާ މިހާރު ދެ ދުވަސް ވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަޖިލިސް އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ގެނެސްފައިވާތީ ގަރާރަކާ މެދު ބަހުސްކުރުމަށް ވޯޓަކަށް ދިއުމަކީވެސް މެންބަރުންނަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ތެރެއިން މި ގަރާރުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ބޭރުގެ ފަރާތްތަކަށް ދިރިއުޅުމުގެ ހުއްދަ ދޭ ނަމަ، އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ މަޖިލީހުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުމުގެ ކުރިން، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މި ގަރާރު ފާސްކޮށްފައެވެ. ގައުމީ މަޖިލީހުން ފާސްކުރި ނިންމުމުގައިވާ މުހިންމު ކަންކަމުގެ ތެރޭގައި:
އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން މަޝްރޫއު ހުއްޓުވުން: ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ސާފުވުމުގެ ކުރިން، އީގަލް ހިލްސް ނުވަތަ އެހެން ތިންވަނަ ފަރާތަކަށްވެސް ރަސްމާލޭގެ ބިމުގެ މައްޗަށް އެއްވެސް ހައްގެއް އުފެދޭ ފަދަ އެއްބަސްވުމެއްގައި ސޮއިނުކުރުމަށް ސަރުކާރަށް ގޮވާލުން.
ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރުން: އާންމު ވޯޓުގައި ދިވެހި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އަމަލުކުރުމަށް އެމްޑީޕީން އިއުތިރާޒެއް ނެތްކަން ހާމަކުރުން.
ސީދާ ހަރަކާތަށް ނުކުތުން: މިކަމާ މެދު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އެދެވޭ އިޖާބައެއް ނުދީފި ނަމަ، ސީދާ ހަރަކާތްތަކަށް ނުކުތުން.
މި މައްސަލައިގައި ސަރުކާރުގެ ރަސްމީ ބަހެއް މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި އީގަލް ހިލްސް ކުންފުންޏާއެކު އަމަލީ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ތައްޔާރީތައް ސަރުކާރުން ދަނީ ކުރަމުންނެވެ.