ޓްރަމްޕް އިޝްތިހާރުކުރަން ދައުލަތުގެ ފައިސާއިން ހިންގި 20 މިލިއަން ޑޮލަރުގެ ކެމްޕޭން ހުއްޓާލުމަށް ފެޑެރަލް ގާޒީއަކު އަމުރުކުރައްވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝްތިހާރުކުރުމަށް ދައުލަތުގެ ބަޖެޓުން 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގަމުންދިޔަ ޓީވީ އިޝްތިހާރު ކެމްޕޭން ވަގުތުން ހުއްޓާލުމަށް ނިއުޔޯކުގެ ފެޑެރަލް ކޯޓަކުން އަމުރުކޮށްފިއެވެ.
އެމެރިކާގެ ޑިސްޓްރިކްޓް ޖަޖު ޖެނިފާ އެލް ރޮޗޮން ވަނީ އާދީއްތަ ދުވަހުގެ ރޭ 14 ދުވަހުގެ ވަގުތީ އަމުރެއް (ޓެމްޕަރަރީ ރެސްޓްރެއިނިންގ އޯޑަރ) ނެރުއްވާފައެވެ. މި އަމުރު ނެރުއްވީ ސިޔާސީ ނުފޫޒުން އެކިވެގެންނުވާ "ކޮމަން ކޯޒް" ޖަމާއަތް އިސްކޮށް އޮވެ އުފައްދާފައިވާ ކޯލިޝަނަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، އެ އިޝްތިހާރުތަކަކީ ސަރުކާރުގެ ފައިސާ ގަވާއިދާ ހިލާފަށް ނުބައި ގޮތުގައި ބޭނުންކޮށްގެން ހިންގާ ކަމެއްކަން ދައުވާކުރާ ފަރާތަށް ސާބިތުކޮށްދެވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މި އިޝްތިހާރުތަކާ ގުޅޭ އެއްބަސްވުންތައް އާކުރުން ނުވަތަ ފުޅާކުރުން ސަރުކާރުގެ އޮފިޝަލުންނަށް މަނާކޮށް، ދައްކަން ހަމަޖެހިފައިވާ ބްރޯޑްކާސްޓްތައް ހިމެނޭހެން ބާކީ ހުރި އިޝްތިހާރުތައް ކެންސަލްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ 175 މިލިއަން ޑޮލަރުގެ ފުޅާ ޕެކޭޖުގެ ތެރެއިން 20 މިލިއަން ޑޮލަރު މި އިޝްތިހާރު ކެމްޕޭނަށް ހަމަޖައްސާފައެވެ. ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދައްކަން ފެށި މި އިޝްތިހާރުތަކުގައި ޓްރަމްޕް އޭނާގެ ވެރިކަމުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަވައި، ގްލޯބަލިޒަމް އާއި ކޮމިއުނިޒަމާ ދެކޮޅަށް އިންޒާރު ދެއްވައެވެ. އަދި އޭގެ ތެރެއިން އެއް އިޝްތިހާރަކީ އޭނާގެ ރިޔާސީ އިންތިޚާބީ ކެމްޕޭން އިޝްތިހާރަކާ ވަރަށް އެއްގޮތަށް ތައްޔާރުކޮށްފައިވާ އިޝްތިހާރެކެވެ.
ވައިޓް ހައުސްއިން މި ބްރޯޑްކާސްޓްތަކަކީ އާންމުން ހޭލުންތެރިކުރުމަށް ދައްކާ އާދައިގެ "ޕަބްލިކް ސާވިސް" އިއުލާންތަކެއްގެ ގޮތުގައި ދިފާއުކުރި ނަމަވެސް، ގާނޫނީ ތަޖުރިބާކާރުންނާއި ދައުވާކުރި ފަރާތްތަކުން ބުނަނީ ފެޑެރަލް ގާނޫނުތަކުގެ ދަށުން ކޮންގްރެސްއިން ކަނޑައަޅާ ފައިސާ ސިޔާސީ ޕްރޮޕެގެންޑާއަށް ނުވަތަ އިޝްތިހާރަށް ބޭނުންކުރުން ސާފުކޮށް މަނާކުރާ ކަމަށެވެ. ދައުވާކުރާ ފަރާތްތައް ތަމްސީލުކުރާ "ޑިމޮކްރަސީ ފޯވާޑް" ޖަމާއަތުން ބުނި ގޮތުގައި އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކުރުމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރިން ކޯޓުގައި ބުނެފައިވަނީ އިޝްތިހާރު ގަތުމުގެ މުއްދަތު ހުކުރު ދުވަހަށް ހަމަވާތީ، ކޯޓު އަމުރެއް ނެރުން މުހިންމު ނޫން ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން މިހާރު ހަރަދުވި 20 މިލިއަން ޑޮލަރު އަނބުރާ ނުލިބޭނެކަން އޮފިޝަލުން ކަށަވަރުކޮށްދެއްވާފައިވާއިރު، ޓްރަމްޕް ދާދި ފަހުން ވަނީ ކުރިއަށް އޮތް ތަނުގައި މި އިޝްތިހާރުތައް ކުރިއަށް ގެންދާނީ އޭނާގެ ސިޔާސީ ފަންޑިންގ ކޮމިޓީގެ ހަރަދުގައި ކަމަށް ވިދާޅުވެފައެވެ.
