ސްރީލަންކާއަށް މޫސުންގޯސްވެ ކުރިއަށްއޮތް ދުވަސްތަކުގައި ތޫފާނަކާ ކުރިމަތިވެދާނެ
އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އެގައުމުގެ ކަމާބެހޭ އިދާރާތަކުން ދީފިއެވެ.
އޭޝިއާ ޕެސިފިކް އެލިއަންސް ފޯ ޑިޒާސްޓާ މެނޭޖްމެންޓް ސްރީލަންކާއިން ހާމަކޮށްފައިވާ ގޮތުގައި ބޭ އޮފް ބެންގާލްގައި އުފެދެމުންދާ ލޯ-ޕްރެޝާ ސިސްޓަމް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ހަމަކޮށްފިއެވެ. އެކަމުގެ ސަބަބުން މިހާރު ވެސް ލަންކާގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހެމުން ދެއެވެ.
އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމަތަށް ބަލާއިރު، އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ލޯ-ޕްރެޝާ ސިސްޓަމް މިމަހުގެ 15 ވަނަ ދުވަހު ބާރުގަދަވެ ޑިޕްރެޝަނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ފަހުން 16 ވަނަ ދުވަހު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މާދަމާއިން ފެށިގެން އެގައުމުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައެވެ. އޭގެ ތެރޭގައި އުތުރު، މެދުއިތުރު، ހުޅަނގުއުތުރުގެ އިތުރުން އިރުމަތީގެ ސަރަހައްދުތައް ހިމެނެއެވެ.
ލަންކާއަށް ފަހަކަށް އައިސް ބޯކޮށް ވާރޭވެހެމުން އަންނައިރު، ވިއްސާރާގައި މިހާތަނަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ރަޓްނަޕޫރާ އަދި ކެގާލްއަށެވެ.
