ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން 51 މިލިއަން ރުފިޔާ ނުދިން މައްސަލާގައި ދީބާޖާއިން ކުރި ދަޢުވާ އަނބުރާ ގެންގޮސްފި
ދީބާޖާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާ ދެމެދު ވެވުނު ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދިނުމަށް އެއްބަސްވި 51 މިލިއަން ރުފިޔާ ނުދިން މައްސަލާގައި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ އެ ކުންފުނިން އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލައިގެ ފެށުމަކީ އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން، 2013 ވަނަ އަހަރު ބާޠިލުކުރުމެވެ. އެކަމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް ދީބާޖާއިން ކުރި ދަޢުވާގައި، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހުމުން، ކުރީގެ ސަރުކާރުން ވަނީ ދީބާޖާއާއެކު ސެޓްލްމަންޓް އެއްބަސްވުމެއް އެކުލަވާލާފައެވެ.
އެ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން 30 ދުވަހުގެ ތެރޭގައި 51 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށް ދައުލަތުން އެއްބަސްވި ނަމަވެސް، އެ މުއްދަތުގައި އެ ފައިސާ ދައްކާފައެއް ނުވެއެވެ. އެހެންކަމުން، އެ ފައިސާ ހޯދުމަށް ދީބާޖާއިން ސިވިލް ކޯޓުގައި ދަޢުވާކުރި ނަމަވެސް، އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މި ސަރުކާރުން ވަނީ އެ ސެޓްލްމަންޓް އެއްބަސްވުމަށް ޢަމަލުނުކުރުމަށް ނިންމައި، އެއީ އުފެދުމުގައި ވެސް ބާޠިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ބާޠިލުކޮށްފައެވެ.
މި މައްސަލަ އަނބުރާ ގެންދިއުމަށް ދީބާޖާއިން ހުށަހެޅީ، ސެޓްލްމަންޓް އެއްބަސްވުން ބާޠިލުކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ވަކި ދަޢުވާއެއް ހުށަހަޅާފައިވާތީ އާއި، އެ ދެ ދަޢުވާއަކީ އެއް މަޢުޟޫޢެއްގެ ދެ ދަޢުވާއަކަށް ވާތީ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ދަޢުވާ އަނބުރާ ގެންދިއުމަށް ދައުލަތުން އިޢުތިރާޟު ނުކުރި ނަމަވެސް، އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ދީބާޖާއަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ. ނަމަވެސް ދީބާޖާއިން ފާހަގަކުރީ، އަލުން ދަޢުވާ ހުށަހެޅުމުގެ ފުރުޞަތު ނުދީފި ނަމަ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަގު ބަންދުވެ، އެ ކުންފުންޏަށް ބޭއިންޞާފެއް ވެގެންދާނެ ކަމަށެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ އަޙްމަދު ޢަބްދުލްމަތީން ޙުކުމް ކުރެއްވީ ދަޢުވާ އަނބުރާ ގެންދިއުމަށް ހުއްދަ ދިނުމަށާއި، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަނުވާ ނަމަ އަލުން އެ ދަޢުވާ ހުށަހެޅުމުގެ ޙައްޤު ދީބާޖާއަށް ލިބިގެންވާ ކަމަށެވެ.
ކުރީގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 36 ރަށަކާއި، ހަ ފަޅެއްގެ އިތުރުން ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ދީފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، ބަންޑާރަނައިބުގެ އޮފީހުގެ އެންގުމަކަށް އެ ފައިސާ ދޫކުރުން ވަނީ މަޑުޖައްސާލާފައެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ފާސްކޮށްފައެވެ.
ދީބާޖާއިން މި ދަޢުވާ އަނބުރާ ގެންދިޔަ ނަމަވެސް، ފެރީގެ ޚިދުމަތް ދިނުމަށް އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާޠިލުކުރީ ގޯސްކޮށް ކަމަށާއި، ބަދަލު ހޯދުމުގެ ޙައްޤު ދީބާޖާއަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ.
