ސެންޓަ އެންޓަޕްރައިސަސްއަށް ދެ މިލިއަން ޑޮލަރު ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި.
މި މައްސަލައިގެ ފެށުމަކީ އޮކްޓޫބަރު 2007 ގައި ދައުލަތާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް މެޑިކަލް ސާމާނު ފޯރުކޮށްދިން ކަމަށް ބުނެ، އަގާއި ޖޫރިމަނާއާއެކު ޖުމްލަ ފަސް މިލިއަން ޑޮލަރު ހޯދަން 2022 ވަނަ އަހަރު ސެންޓަ އެންޓަޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއެވެ.
އެ މައްސަލަ ބެލުމަށްފަހު 2023 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު، އިންވޮއިސްގެ އަގަށްވާ ދެ މިލިއަން ޑޮލަރު އެއް މަސް ތެރޭގައި ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށެވެ. ދައުލަތުގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވެސް ނިންމީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކުރުމަށެވެ.
ހެކިތަކަށް ރިއާޔަތް ނުކުރުމާއި ލިޔުންތަކުގެ ސައްހަކަން
ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ހުކުމުގެ ރައުޔު ލިޔުއްވި ފަނޑިޔާރު ހުސައިން ޝަހީދު ފާހަގަކުރެއްވީ ދަށު ކޯޓާއި ހައި ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކި ގަރީނާތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ރާއްޖޭގެ އެކި ރަށްތަކަށް މުދާ ޑެލިވަރީކޮށް، ޖޮއިންޓް އިންސްޕެކްޝަން ޓެސްޓް ހަދާފައިވާކަން ސާބިތުކޮށްދޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނެތުން.
- ހުށަހަޅާފައިވާ "ކޮމްބައިންޑް ޑެލިވަރީ ނޯޓް" ގައި މުދަލާ ހަވާލުވި ފަރާތުގެ ނަމެއް، ހައިސިއްޔަތެއް އަދި ތާރީހެއް ވެސް ފެންނަން ނެތުމާއި، ހެކިންގެ ހެކިބަހުގައި ފުށުއެރުންތައް ހުރުން.
- އިކޮނޮމިކް މިނިސްޓްރީއަށް ސެންޓަ އެންޓަޕްރައިސަސްއިން ހުށަހަޅާފައިވާ 2007، 2008 އަދި 2009 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައި، ދައުލަތުން އެ ކުންފުންޏަށް އެފަދަ ބޮޑު އަދަދެއްގެ ފައިސާ ލިބެންޖެހޭ ކަމަށް ނުވަތަ އެފަދަ ހަރަދެއް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައި ނެތުން.
- މުދާ ޑެލިވަރީކުރި ކަމަށް ބުނާ ތާރީހާ ހަމައަށް ވެސް، އެއްބަސްވުމުގައި ބުނާ ބާވަތުގެ މުދަލެއް އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައި ނުވުން.
ހާއްސަ އޮޑިޓް ރިޕޯޓާއި ޝައްކު އުފެދޭ ލިޔުންތައް
މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓު ސުޕްރީމް ކޯޓުން ވަނީ އާ ހެއްކެއްގެ ގޮތުގައި ބަލައިގެންފައެވެ. އެ އޮޑިޓް ރިޕޯޓުން ހާމަވި ކަންތައްތަކުގެ ތެރޭގައި:
- ޝަރީއަތަށް ހުށަހެޅި ލިޔުންތަކުގައި، އޭރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގައި މަސައްކަތްކޮށްފައި ނުވާ މީހެއްގެ ނަމާއި ސޮއި ހިމަނާފައިވުން.
- ހުށަހަޅާފައިވާ ބޭންކް ގެރެންޓީއަކީ އުފައްދާފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށް ބެލެވުން.
- ލިޔުންތަކުގައި ބޭނުންކޮށްފައިވަނީ އެހެން މަސައްކަތަކަށް ދޫކޮށްފައިވާ ޕްރޮޖެކްޓް ކޯޑެއް ކަމަށްވުން.
- 2007 ވަނަ އަހަރުގެ ލިޔުމެއްގައި، އޭރު ޓެންޑާ އިވެލުއޭޝަން ބޯޑަށް ކިޔާ ނަމުގެ ބަދަލުގައި ފަހުން ބޭނުންކުރަން ފެށި ނަން ބޭނުންކޮށްފައިވުން.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މިއީ ހަގީގަތުގައި ހިނގާފައިވާ މުއާމަލާތެއްތޯ ބޮޑެތި ޝައްކުތަކެއް އުފެދޭ ކަމަށާއި، މި މައްސަލައަކީ ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުން
އެއްބަސްވުމުގެ ދަށުން ތަކެތި ފޯރުކޮށްދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓާއި ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދު (ރިޔާސަތު)، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
