ރައްޔިތުން އެއްބަސްވާ ނަމަ ރަކީދޫ މީހުން މާލެ ކައިރި ސަރަޙައްދަކަށް ބަދަލުކުރަން ސަރުކާރު އޮތީ ތައްޔާރަށް: މުއްޠަލިބު
އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާ ވ. ރަކީދޫގެ ރައްޔިތުން އެއްބަސްވާ ނަމަ، މާލެއާ ކައިރި ސަރަޙައްދަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ރަށަކުން މީހުން ބަދަލުކުރުމުގައި ސަރުކާރުން ގެންގުޅޭ އުޞޫލަކީ އެ ރަށެއްގެ ހުރިހާ ރައްޔިތުންގެ ރުހުމާއެކު އެކަން ކުރުން ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ސަރުކާރުން ޢަމަލުކުރަމުން އަންނަ އުޞޫލު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަކީދޫގެ ރައްޔިތުން ބަދަލުނުކުރެވި ލަސްވަނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެ ކަމަށް އެއްބަސްނުވާތީއެވެ. ނަމަވެސް، ރައްޔިތުން ބަދަލުވާން ބޭނުންވާ ނަމަ، ރަސްމާލެ ނޫން ނަމަވެސް ވީހާ ވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަޙައްދަކަށް އެ މީހުން ބަދަލުކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
ރައްޔިތުންގެ އެދުމުގެ މަތިން މީހުން ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މިސާލެއްގެ ގޮތުން މިނިސްޓަރު ދެއްކެވީ މ. ރަތްމަންދޫގެ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކުރުމަށް ކުރިއަށްދާ މަސައްކަތެވެ. އެ ގޮތުން، ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ގޯތި ދީގެން އެ މަޝްރޫޢު ހިންގުމަށް އެމްއޭސީއެލްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލެއް މިހާރު އިވެލުއޭޓްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަކީދޫގެ ރައްޔިތުން ވެސް އެދޭ ނަމަ ހަމަ އެ އުޞޫލުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ގަދަކަމުން އެއްވެސް ރައްޔިތަކު އެހެން ތަނަކަށް ބަދަލުނުކުރާނެ ކަމުގެ ޔަޤީންކަން މުއްޠަލިބު ދެއްވިއެވެ.
ރަކީދޫގެ ރައްޔިތުން މާލެއާ ކައިރި ތަނަކަށް ބަދަލުވުމާ ގުޅޭ މަޝްވަރާތައް ފެށިފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ ރައްޔިތުން ވެސް އެދުނީ މާލެއާ ކައިރި ރަށަކަށް ބަދަލުކޮށްދިނުމަށެވެ.

ގެސްޓް ހައުސްގެ ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭ ރަކީދޫގައި މިވަގުތު ދިރިއުޅޭ 61 މީހުންގެ ތެރެއިން 41 މީހުން އެދެނީ ތުލުސްދުއަށް ބަދަލުކޮށްދިނުމަށެވެ. އަދި ރައީސާއެކު ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން ބުނެފައިވާ ގޮތުގައި، ރަކީދޫން ބަދަލުވާން ބޭނުންނުވާ އެންމެ މީހަކު ފިޔަވައި ބާކީ ތިބި އެންމެން ވެސް ބޭނުންވަނީ މާލެ ކައިރިން ބިމެއް ހިއްކައިގެން އެ ތަނަކަށް ބަދަލުވުމަށެވެ.