ސައިންސްގެ ބޮޑު ކުރިއެރުމެއް: އިންސާނުންގެ ސެލް މީދަލުގެ ސިކުނޑީގައި، މަސައްކަތް ރަނގަޅު.
އެމެރިކާގެ ނިއުރޯސައިންޓިސްޓުން ފުރަތަމަ ފަހަރަށް އިންސާނުންގެ ސެލްތަކެއް މީދަލުގެ ސިކުނޑިތެރޭގައި ކާމިޔާބު ކަމާއިއެކު މަސައްކަތް ކުރާކަން ހޯދައިފިއެވެ. މިހޯދުމުގެ ސަބަބުން އިންސާނުންނަށް ދިމާވާ ސައިކޭޓްރިކް މައްސަލަތަކާއި އަދި ނާރުހެދިބޮޑުވުމާއި ގުޅޭ ބަލިތައް މީދަލުގެ އެހީގައި ލެބޯޓްރީގައި ޓެސްޓް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އިންސާނުންގެ ސެލް މީދަލުގެ ސިކުނޑިތެރޭގައި މަސައްކަތް ކުރުމަކީ ވަރަށް އަޖައިބުވަނިވި ހޯދުމަކަށްވިޔަސް މީގެ ސަބަބުން 'އިންސާނުން ވިސްނާގޮތަށް މީދާ ނުވިސްނާނެ' ކަމަށް ސައިންޓިސްޓުން ބުނެއެވެ.
މި ދިރާސާ ކުރި މީދަލަކީ ޖެނެޓިކް ގޮތުން ބަދަލު ގެނަވިފައިވާ އަދި ސާޖަރީގެ އެހީގައި ސިކުނޑީގެ ބައެއް ޓިޝޫތައް އިންސާނުންގެ ޓިޝޫތަކަށް ބަދަލުކުރެވިފައިވާ މީދަލެކެއެވެ. މިގޮތަށް ބަދަލުކުރުމުން އިންސާނުންގެ ޓިޝޫތައް މީދަލުގެ ސިކުނޑިތެރޭގައި މަސައްކަތް ކުރަން ފެށިއެވެ. ނޭޗާރ ޖާރނަލްގައި ޝާއިރުކޮށްފައިވާ މިދިރާސާ ކުރީ ވަކިފަރާތަކަށް ނުޖެހޭ މުސްތަޤިލްލު ފަރާތެއްގެ 'އެތިކަލް' ބެލުމުގެ ދަށުން ކަމުގައި ސައިންޓިސްޓުން ބުނެއެވެ. މިދިރާސާގެ ބޭނުމަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ އިންސާނުންގެ ސިކުނޑިއަށް ދިމާވާ އެކިއެކި ޑިސްއޯޑަރ ޖިސްމާނީ ގޮތުންނާއި ބައޮލޮޖީގެ އެހީގައި ދަސްކުރުމެވެ.
އިންސާނުންގެ ބައޮލޮޖީ ސައިސްސް އިން އިނގޭ މިންވަރު އަދި މުޅިން ފުރިހަމަ ނޫންކަމުން، ސިކުނޑިޔަށް ޖެހޭ ބަލިތަކަށް އަދިވެސް ކާމިޔާބު ފަރުވާއެއް ހޯދިފައިނުވާކަމަށް ސައިންސްޓިސްޓުން ބުނެއެވެ. އެހެންކަމުން މި ދިރާސާތަކުން އިންސާނުންގެ ސިކުނޑީގެ ބައޮލޮޖީ އިތުރަށް ދެނަގަތުމަށް ފުރުސަތު ލިބިގެންދާނެ ދާނެކަމަށް ސައިންޓިސްޓުން ޤަބޫލު ކުރެއެވެ. މީގެ ކުރިންވެސް ސައިންޓިސްޓުން ވަނީ މީދަލާއި ގުޅޭތަފާތު ދިރާސާތައް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންގޮސްފައެވެ.
