ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ހަމްޒާ ޗޯދުރީއަށް ވަކި ޚާއްޞަ ސަމާލުކަމެއް ނުދޭނެ ކަމަށް ޕާކިސްތާން ކީޕަރު ބުނެފި
އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ޕާކިސްތާން ޓީމު، މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝްއާ ދެކޮޅަށް ބަޝުންދަރާ ކިންގްސް އެރީނާގައި ނުކުންނައިރު، މި މެޗުގެ އެންމެ ބޮޑު ފޯކަސްއަކަށްވެފައި ވަނީ ބަންގްލަދޭޝްގެ ތަރި އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ހަމްޒާ ޗޯދުރީ އެވެ. ނަމަވެސް، ޕާކިސްތާންގެ ގޯލްކީޕަރު ޔޫސުފް އީޖާޒް ބަޓް ބުނެފައިވަނީ ހަމްޒާއާ މެދު ވަކިން ނުވިސްނާ ކަމަށާއި އޭނާގެ ސަމާލުކަން ހުރީ އޭނާގެ ގާތް އެކުވެރިޔާ އަދި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާންއާ ދެކޮޅަށް ކުޅުމަށް ކަމަށެވެ.
ޑެންމާކް ލީގުގައި ކުޅެމުން އަންނަ ކީޕަރު ޔޫސުފް ފާހަގަކުރިގޮތުގައި، ހަމްޒާ އާއި ޝަމިތު ޝޯމޭ ފަދަ ކުޅުންތެރިން ފާހަގަކުރެވުނު ނަމަވެސް، ޕާކިސްތާނުގައިވެސް ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުރީކޮޅު ފީފާ ބްރޭކް ނުފެށޭތީ، ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ މުހިންމު ފަސް ކުޅުންތެރިން ކްލަބްތަކުން ދޫނުކުރުމުގެ ސަބަބުން ޕާކިސްތާނަށް ބައެއް ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް، ސެމީ ފައިނަލަށްއިރު ޓީމު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އެގޮތުން ވިވެން ސުވިޑެންގެ ޗެމްޕިއަން މިޔެލްބީއަށް ކުޅޭ ކެޕްޓަން އަބްދުﷲ އިގުބާލް، އީސާ ސުލައިމާން، އާދިލް ނަބީ، އަބްދުލް ސަމަދު އަރުޝަދު އަދި އަލީ އަކްބަރަ ހާން ފަދަ ކުޅުންތެރިން މިހާރު ވަނީ ޓީމާ ގުޅިފަ އެވެ. ޔޫސުފް ބުނީ ފުޓުބޯޅައަކީ ޓީމް ކުޅިވަރެއް ކަމަށާއި، ވަކިވަކި ކުޅުންތެރިންނަށްވުރެ މުހިންމީ މުޅި ޓީމު އެކުގައި ކުރާ މަސައްކަތް ކަމަށެވެ.
ދެ ގައުމުގެ ކުރީގެ ތާރީޚަށް ބަލާއިރު، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއިން އަމިއްލަ ގައުމުގައި 1-0 އިން ޕާކިސްތާން ބަލިކޮށްފައިވެ އެވެ. އެ މެޗުގެ ހަނދާންތައް ހުރި ނަމަވެސް، ޔޫސުފް ބުނީ މިހާރު ހާލަތު މުޅިން ތަފާތު ކަމަށާއި ދެ ޓީމުވެސް ކުރިއާ އަޅާބަލާއިރު މާ ބޮޑަށް ވަރުގަދަވެފައިވާ ކަމަށެވެ.
މި މެޗާ ގުޅޭގޮތުން ޔޫސުފް ވަނީ ސާފް އިން ސެމީ ފައިނަލާއި ފައިނަލުގައި ''ވީއޭއާރް ލައިޓް" (ތައިލެންޑުން މައި ހަބް އޮޕަރޭޓްކުރާގޮތަށް)ބޭނުންކުރަން ނިންމި ނިންމުމަށް މަރުޙަބާ ކިޔާފަ އެވެ. އޭނާ ބުނީ މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ޕްރެޝަރެއް ރެފްރީންނަށް އަންނާނެ ކަމަށާއި، ވީއޭއާރް އޮތުމަކީ އެ ޕްރެޝަރު ކުޑަވެ، އިންސާފުވެރިކޮށް ކަންކަން ދިއުމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށެވެ.
މުބާރާތުގެ ފައިނަލަށް ގޮސް، ޚާއްޞަކޮށް ގްރޫޕް ސްޓޭޖުގައި އެންމެ ދަށްކޮށް ކުޅުނު މެޗު ކަމަށްވާ އިންޑިއާއާ ދެކޮޅަށް ފައިނަލުގައި ކުޅެން ބޭނުންވާކަމަށް ޔޫސުފް ފާހަގަކުރި އެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ވިސްނުން ހުރީ މެޗަކަށްފަހު މެޗަކަށް ކަމަށާއި މިވަގުތު އެންމެ މުހިންމީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ޖާގައެއް ހޯދުން ކަމަށް އޭނާ ބުންޏެވެ.
