ރަމަސާންމަހަށް ޚާއްސަކޮށްގެން ކަރާ ހެއްދުމަށް ކެލާ ރައްޔިތުންނަށް ބިން ދޫކުރަނީ
ކުރިއަށްއޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ހއ. ކެލާގައި ކަރާ ހެއްދުމަށް ބޭނުންވާ އެރަށު ރައްޔިތުންނަށް ދަނޑުބިންދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމުގައި އެރަށު ކައުންސިލުން އާންމު އިއުލާނަކުން އަންގައިފިއެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކަރާ އިންދުމަށްޓަކައި ދޫކުރެވޭނީ 5000 އަކަފޫޓްގެ ވަގުތީ ދަނޑުބިންތަކެއް ކަމަށާއި މި ބިންތައް ދޫކުރެވޭނީ ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ދަނޑުބިން ދޫކުރުމުގައި ޝަރުތުތަކެއް ކަނޑައެޅިފައިވާ ކަމަށާއި ބިން ދޫކުރެވޭނީ ޝަރުތުހަމާ ފަރާތްތަކާ ކައުންސިލާ ދެމެދު ވެވޭ އެއްބަސް ވުމެއްގެ ދަށުން ކަމަށާއި އެކަމަށް އެދި ފޯމް ހުށަހެޅުމުން ކަމަށްވެސް ކެލާ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
މިގޮތުން ކަނޑައެޅިފައިވާ ޝަރުތުތަކަކީ:
ކެލާ ކައުންސިލްގެ ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއް ކަމުގައިވުން
ކެލާގެ ރައްވެއްސެއް ކަމުގައިވުމާއިއެކު ކެލާގައި ދިރިއުޅޭ ފަރާތަކަށްވުން.
ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަނޑުބިން ބޭނުންވާ ފަރާތްތަކުން 02 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކައުންސިލަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި ބިން ދޫކުރެވޭނީ ކޮންމެ މީހަކަށްވެސް އެއް ބިން ކަމަށާއި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދަށް ވުރެ ބިމަށްއެދި ހުށަހަޅާ ފަރާތްތައް އިތުރުވާނަމަ ބިން ދޫކުރާނީ ގުރުއަތު ލައިގެން ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ބިމަށްއެދޭ ފޯމް އެކައުންސިލުން ލިބެން ހުންނާނެއެވެ.

