ރާއްޖޭގައި ފާހަގަކޮށްލެވޭ ނިއުރޭޑިއަންޓް އަތުން ބަލިނުވެ ދިއްދޫ ދަނޑުގައި ދިއްދޫ ކުޅުނު މެޗުން އެއްވަރު ވެއްޖެ.
ހއ. ދިއްދޫގައި އިއްޔެ ކުޅެވުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާރީޚީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުކޮށް، ދިއްދޫން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.
މިއީ ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޅުނު ފުރަތަމަ ފަހަރުކަމަށް ވެއެވެ.
އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުއްﷲ ރާފިޢު އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދެވެ. މީގެއިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އާއި ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންވެސް މި މެޗުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މެޗު ފަށައިގެން ދިއްދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި އުފާލް ޢަބްދުﷲ ދިއްދޫއަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ބިދޭސީ ފޯވާޑް ޓެޓޭ ގިޑެއޯން ވަނީ ދިއްދޫގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. މުޅި މެޗުގައިވެސް ދިއްދޫން ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނެޓުގައި މުޙައްމަދު ނާއިމް ވަނީ ނިއުއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން އެއްވަރުވުމާއެކު، ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ނިއު ރޭޑިއަންޓަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އިއްޔެގެ މި މެޗްގައި ރެފްރީގެ ނިންމުންތަކުގައި މައްސަލަތައް ހުރިކަން ފުޓްބޯޅަ ކުޅުމުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ބައެއް އާންމުގެ ފަރާތުން ހާމަކޮށްފައި އެބަހުއްޓެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ހަވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިއްޔެ ހަވީރު ބައްދަލުކުރި މެޗުވެސް އެއްވަރުވެފައިވާއިރު، ވިކްޓަރީ އާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ދިއްދޫ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.
