ޤައުމީ ސަލާމަތާއި ސައިބާ ރައްކާތެރިކަމަށްޓަކައި ޖޯޑަންގައި ޓެލެގްރާމް މަނާކޮށްފި.
ޖޯޑަންގެ ސެކިއުރިޓީ ޑިރެކްޓަރޭޓުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޓެލެގްރާމް ބްލޮކްކުރުމަށް ނިންމީ އެ ޤައުމުގެ ޑިޖިޓަލް ސެކިއުރިޓީ ހަރުދަނާކޮށް، އިންޓަނެޓް ބޭނުންކުރާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެގޮތުން، ސައިބާ ކްރައިމްއާއި ބްލެކްމެއިލް ކުރުމާއި ބިރުދެއްކުމުގެ އިތުރުން، ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވައި މުޖުތަމަޢު ހިމާޔަތްކުރުމަކީ މި ނިންމުމުގެ މައިގަނޑު މަޤްޞަދު ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ޖޯޑަންގެ ކަމާބެހޭ އިދާރާތަކުން މި ހަރުކަށި ފިޔަވަޅު އަޅާފައިމިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެ ޤައުމުގެ ދެކުނުގައި އޮންނަ ކަރަކް ގަވަރުނޭޓްގެ ފައްޅިއަކަށް ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ނުވަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި އެ ހަމަލާގެ ކުށުގައި، ހަރުކަށި ފިކުރަށް ތަބާވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ދަންޖައްސައި މެރުމަށް ޖޯޑަންގެ ކޯޓަކުން އިއްޔެ ވަނީ ހުކުމް ވެސް އިއްވާފައެވެ.
މިއީ ސަލާމަތީ ސަބަބުތަކަށްޓަކައި ޖޯޑަންގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މަނާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޤައުމުން ވަނީ 'ޓިކްޓޮކް' ވެސް މަނާކޮށްފައެވެ. ތެލުގެ އަގު އުފުލުމާ ގުޅިގެން އޭރު ކުރިއަށްދިޔަ މުޒާހަރާތައް ހޫނުވެ، ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ އޮފިސަރަކު މަރުވުމާ ގުޅިގެން ޓިކްޓޮކް ބްލޮކްކުރީ، ހަމަނުޖެހުމަށާއި މީހުން މެރުމަށް ހިތްވަރުދޭ ވީޑިއޯތައް އެ އެޕްލިކޭޝަން މެދުވެރިކޮށް ފަތުރާ ކަމަށް ބުނެއެވެ. -- އޭއެފްޕީ
