ނިޤާބު އަޅައިގެން ވައްކަންކުރި އިންޑިއާ މީހަކު މާލެއިން ހައްޔަރުކޮށްފި!
މޫނު ނިވާކުރުމަށް ބޭނުންކުރާ ނިޤާބެއް އަޅައި، އަންހެނެއްގެ ސިފަޖެހިގެން މާލޭގެ މަގުމަތީގައި ވައްކަންކުރަން އުޅުނު އިންޑިއާގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ޝާހުލް ޔަހްޔާ އަބްދުލް ރަޖާކް އެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ މާލޭގައި އަންހެން ހެދުން އަޅައި، މޫނު ނިވާކޮށްގެން ހުރެ ވައްކަމުގެ އަަމަލުތަކެއް ހިންގަން އުޅެނިކޮށް އާންމުންނާއި ފުލުހުންގެ ސަމާލުކަމަށް އައުމުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަޙުޤީޤަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ، ތަޙުޤީޤު ނިންމުމަށްޓަކައި އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއަމުރުގެ ދަށުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު 9 ވާ ހޯމަ ދުވަހުއެވެ.
މާލެ ސަރަޙައްދުގައި މޫނު ނިވާކޮށްގެންނާއި، ތަފާތު އެކި ސިފަސިފައިގައި ވައްކަންކުރުމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ފާހަގަކުރެއެވެ. މީގެ ކުރިންވެސް ބައެއް މީހުން މޫނު ނިވާކޮށްގެން ގޭގެއަށާއި ފިހާރަތަކަށް ވަދެ ވައްކަންކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވެއެވެ.
ފުލުހުން މިހާރު ދަނީ ތުހުމަތުކުރެވޭ މީހާ ވައްކަންކުރި ތަންތަނާއި، އޭނާގެ އަހުލުވެރިންނާއި، މިކަމުގައި އިތުރު ބަޔަކު ބައިވެރިވިތޯ ބެލުމަށްޓަކައި ޚާއްޞަ ތަޙުޤީޤެއް ހިންގަމުންނެވެ.