Politics Featured

ނެތް ޖަލު އިމާރާތެއް މުގުރާލަން 2.9 މިލިއަން ރުފިޔާ ދޫކުރިކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ

Advertisement
ނެތް ޖަލު އިމާރާތެއް މުގުރާލަން 2.9 މިލިއަން ރުފިޔާ ދޫކުރިކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ
Photo: One online
ތަފްޞީލް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާފުށީ ޖަލުގައި ނެތް އިމާރާތެއް މުގުރާލުމުގެ ނަމުގައި ދައުލަތުގެ ފައިސާއިން 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. ޖަލު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ހިންގި މި މުއާމަލާތް ހިންގާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ސުޕަވިޒަންގެ ދަށުންނެވެ.


އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 50 ގޮޅީގެ ޔުނިޓަކާއި 18 ގޮޅީގެ ޔުނިޓެއްގެ އިތުރުން ސެކިއުރިޓީ ޕޯސްޓެއް ހިމެނޭ ހައި-ސެކިއުރިޓީ ވިންގެއް އިމާރާތް ކުރުމަށް 45 މިލިއަން ރުފިޔާއަށް ހިންގި މަޝްރޫއު، މަސައްކަތް އަވަސްކުރުމުގެ ބަހަނާގައި ބިޑް ކުރުމަކާ ނުލައި ސީދާ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ވަނީ ހަވާލުކޮށްފައެވެ. އަދި ޕޮލްކޯއިން ވަނީ އެއްވެސް ވާދަވެރި ބިޑިންގ އުސޫލަކާ ނުލައި "ވީ އަވާ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް މި މަޝްރޫއު ސަބްކޮންޓްރެކްޓް ކޮށްފައެވެ.


50 ގޮޅީގެ މަޝްރޫއު ހިންގާ ސަރަހައްދުގައި ހުރި އިމާރާތެއް ސާފުކޮށް މުގުރާލުމަށް ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) ގައި 2,920,082 ރުފިޔާ ހިމަނައި، އެ ފައިސާ ޕޮލްކޯއަށް ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި މަޝްރޫއު ރަސްމީކޮށް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން، 20 ޖަނަވަރީ 2022 ގައި ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން އެ ސަރަހައްދުގައި އެއްވެސް އިމާރާތެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ.


ނުކުރާ މަސައްކަތަކަށް ފައިސާ ދެއްކުމުގެ އިތުރުން، މަޝްރޫއުގެ ޓެކްނިކަލް ޑްރޯއިންގްތަކާއި ބީއޯކިއުއާ ދެމެދު އަގުތަކުގެ ބޮޑެތި ތަފާތުތަކެއް ހުރިކަން އޮޑިޓަރުން ވަނީ ހޯދާފައެވެ. އެގޮތުން 18 ގޮޅީގެ ބަޔަށް ލީން ކޮންކްރީޓް ކިއުބިކް މީޓަރަކަށް 8,500 ރުފިޔާ ޖަހާފައިވާއިރު، 50 ގޮޅީގެ ބަޔަށް އެ އަގު ވަނީ ކިއުބިކް މީޓަރަކަށް 14,000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ ސަބަބުން ދައުލަތުން އިތުރަށް 238,804 ރުފިޔާ ވަނީ ހަރަދުކުރަންޖެހިފައެވެ.

މީގެއިތުރުން ކޮލަމް ކޮންކްރީޓާއި ފޫޓިންގ ފައުންޑޭޝަންގެ މިންތައް ބޮޑުކޮށްގެން ފައުންޑޭޝަން މަސައްކަތަށް އިތުރަށް 97,258 ރުފިޔާ އަދި ކޮނުމުގެ މަސައްކަތަށް އިތުރަށް 46,947 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި އަމަލުތަކަކީ ޕްރޮކިއުމަންޓް ހިންގުމުގެ ކުރިން ފުރިހަމަ ލިޔެކިޔުންތަކާއި، ޑްރޯއިންގްތަކާއި އަދި ސައްހަ އެސްޓިމޭޓްތައް ތައްޔާރުކުރަން ލާޒިމުކުރާ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.28 (ހ) އާ ހިލާފު ކަންކަމެވެ.

Sources: dhen.mv, voice.mv, vaguthu.mv

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް