ނައިޖީރިޔާގައި މިލިޓަރީ ATR-42 ބޯޓެއް ވެއްޓި 32 މީހުން މަރުވެއްޖެ: ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށްފި!
ނައިޖީރިޔާގެ ދެކުނުހުޅަނގު އޮންޑޯ ސްޓޭޓްގެ އިގްބޯކޯޑާ ނޭވަލް ބޭސް ކައިރިއަށް 32 މީހުންނާއެކު ދަތުރުކުރި އެގައުމުގެ އެއާފޯސްގެ ATR-42 މަރުކާގެ މިލިޓަރީ ބޯޓެއް ވެއްޓި، އޭގައި ތިބި އެންމެން މަރުވެއްޖެއެވެ. ބެނިން ސިޓީން ފުރައިގެން ލާގޯސްއަށް ދަތުރުކުރި (ކޯލް ސައިން NGR 931) މި ބޯޓުގެ ރޭޑިއޯ ގުޅުން ހެނދުނު 9:13 ހާއިރު ކެނޑުމާ ގުޅިގެން ހިންގި ކުއްލި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި، ބޯޓު ވެއްޓިފައިވަނީ ރެސްކިއު މަސައްކަތަށް އުދަނގޫ ފެންބޮޑުވެފައިވާ ސަރަހައްދަކަށް ކަން ސަރުކާރުން ވަނީ ބުނެފައެވެ. ނައިޖީރިޔާގެ އޭވިއޭޝަން މިނިސްޓަރު ފެސްޓަސް ކެޔާމޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ބޯޓުގެ ބައިތައް އިގްބޯކޯޑާ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވި 32 މީހުންގެ ތެރޭގައި 7 ފްލައިޓް ކްރޫއިންގެ އިތުރުން ސިފައިންނާއި، އެމީހުންގެ އާއިލާތަކުގެ މެންބަރުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ބޯލާ އަހުމަދު ތިނޫބޫ ވަނީ މުޅި ގައުމުގައި 3 ދުވަހުގެ ގައުމީ ހިތާމަ ފާހަގަ ކުރަން އިއުލާންކުރައްވައި، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އަންގަވާފައެވެ. އަދި ނައިޖީރިޔާގެ އެއާފޯސް އިން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ހާއްސަ Military Inquiry ތަހުގީގެއް ފަށާފައެވެ.
އާމީ އަދި ނޭވީގެ ރެސްކިއު ޓީމުތަކުން މިހާރު ދަނީ އިގްބޯކޯޑާގެ ފެންބޮޑުވެފައިވާ ސަރަހައްދުން މަރުވި މީހުންގެ ހަށިތަކާއި ބޯޓުގެ ބާކީ ބައިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ސަރަހައްދީ އާންމުން ބުނި ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން ބާރުގަދަ އަޑެއް އިވިފައިވާ ކަމަށާއި، ބޯޓުގެ ބައިތައް ކުޅިއާއި ގަސްތަކުގެ ތެރެއަށް ބުރައިގެން ގޮސްފައިވާ ކަމަށެވެ. މިއީ ނައިޖީރިޔާގެ ސިފައިންގެ ތާރީޚުގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ހިތާމަވެރި އެއް ވައިގެ ހާދިސާއެވެ.
