ނާސާގެ މުހިންމު ޓެލެސްކޯޕެއް ސަލާމަތްނުކުރެވި، ދުނިޔެއަށް ވެއްޓެނީ
ނާސާ އިން ބައްރުގެ ބޭރުގެ ކާއިނާތު ދިރާސާކުރުމަށް ބޭނުންކުރަމުން އަންނަ މުހިންމު ޓެލެސްކޯޕެއް (ނީލް ރެލްސް ސުވިފްޓް އޮބްޒަވޭޓަރީ) ދުނިޔޭގެ އެންމެ ތިރީ ޖައްވީ ފަށަލައިގެ ތެރެއަށް ތިރިވަމުންދާތީ، އެ ސަލާމަތްކުރުމަށް ހިންގި ޚާއްޞަ މިޝަން ނާކާމިޔާބުވެ، ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި އެ ޓެލެސްކޯޕް ދުނިޔެއަށް ވެއްޓޭނެކަން ކަށަވަރުވެއްޖެއެވެ.
2004 ވަނަ އަހަރު ޖައްވަށް ފޮނުވާލި މި ޓެލެސްކޯޕަކީ ކާއިނާތުގައި ހިނގާ އެންމެ ބާރުގަދަ ގޮވުންތައް ނުވަތަ "ގާމާ-ރޭ ބާސްޓްސް" ދެނެގަތުމަށް ބޭނުންކުރި އެންމެ ކާމިޔާބު އެއް އޮބްޒަވޭޓަރީއެވެ. ނަމަވެސް، އިރުގެ އުޖާލާކަމާއި ހޫނުމިނަށް އައި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެޓްމޯސްފިއަރގެ މަތީ ފަށަލަ ފުޅާވެ، ޓެލެސްކޯޕް ދަތުރުކުރަމުންދިޔަ އޯބިޓްގެ ދުވެލި މަޑުވެ، ހީކުރިވަރަށްވުރެ އަވަހަށް ދުނިޔެއާ ދިމާއަށް ތިރިވާން ފެށިއެވެ.
މި ޓެލެސްކޯޕް ސަލާމަތްކޮށް، އޭގެ އޯބިޓް މަތިކުރުމަށްޓަކައި ނާސާއިން "ކެޓަލިސްޓް ސްޕޭސް ޓެކްނޮލޮޖީސް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން 30 މިލިއަން ޑޮލަރުގެ ރެސްކިއު މިޝަނެއް ފެށިއެވެ. "ލިންކް" (LINK) ނަމަކަށް ކިޔާ ރޮބޮޓިކް އުޅަނދެއް ޖައްވަށް ފޮނުވައިގެން ސުވިފްޓް ޓެލެސްކޯޕްގައި ހިފަހައްޓައި މައްޗަށް އަރުވަން ރޭވި ނަމަވެސް، ލިންކް އުޅަނދަށް ދިމާވި ސީރިއަސް މައްސަލަތަކަކާ ހުރެ އޭގެ ކޮންޓްރޯލް ގެއްލި، ޓެލެސްކޯޕާ ގުޅާލެވޭ ގޮތެއް ނުވިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ޓެލެސްކޯޕް ސަލާމަތްކުރަން ފޮނުވި "ލިންކް" އުޅަނދުވެސް ވަނީ އެނބުރ ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަދެ އަނދައިގެން ގޮސްފައެވެ. އަދި ސުވިފްޓް ޓެލެސްކޯޕް ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނެތުމުން، އެ އުޅަނދު ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ އެޓްމޯސްފިއަރގެ ތެރެއަށް ވަދެ އަނދައިގެންދާނެއެވެ.
ނާސާއިން ބުނާގޮތުގައި ޓެލެސްކޯޕްގެ ބޮޑުބައި ޖައްވުގެ ތެރޭގައި އަނދައި އަޅިއަށް ވިއްސިގެން ދިޔަނަމަވެސް، ބައެއް ހަރު ބައިތައް ކަނޑަށް ނުވަތަ ބިމަށް ވެއްޓުމުގެ ކުޑަ ފުރުޞަތެއް އެބައޮތެވެ. ނަމަވެސް އޭގެ ސަބަބުން އިންސާނަކަށް ނުވަތަ އާންމު އާބާދީއަކަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު އިންތިހާއަށް ކުޑައެވެ.
