މުޅި އެމެރިކާގެ ވައިގެ ސަރަހައްދު ބަންދުކުރުމަށްފަހު އަލުން ހުޅުވާލައިފި؛ އެތައް ހާސް ފަސިންޖަރުންނެއް ހާލުގައި.
ނޮވެމްބަރު 14 ވީ ހޮނިހިރު ދުވަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، ޤައުމީ ވައިގެ ސަރަހައްދުގެ އޮޕަރޭޝަންތައް މިހާރު އެއްކޮށް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިތިބީ ފުރިހަމަ އޮޕަރޭޝަނަށް އެނބުރި އައިސް،" ޑަފީ ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ޕައިލެޓުންނާއި، އެއާލައިން މުވައްޒަފުންނާއި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ އިތުރުން އެފްއޭއޭގެ މުވައްޒަފުން ދެއްކެވި ޕްރޮފެޝަނަލްކަމަށް އޭނާ ތައުރީފު ކުރެއްވިއެވެ. އުޑުމަތީގައި އުދުހެމުންދިޔަ ހުރިހާ ބޯޓެއް ރައްކާތެރިކަމާއެކު ޖެއްސުނީ އެ ފަރާތްތަކުގެ މަސައްކަތުން ކަމަށް ވިދާޅުވެ، މި ބޮޑު ދަތި އުނދަގުލުގެ ވަގުތުގައި ފަސިންޖަރުން ދެއްކެވި ކެތްތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ވައިގެ ދަތުރުތައް އަލުން ފެށުމުގެ ހުއްދަ ދިން ނަމަވެސް، މިކަމުގެ ނޭދެވޭ އަސަރުތައް އަދިވެސް ދަނީ ފެންނަމުންނެވެ. ފްލައިޓްތަކުގެ މައުލޫމާތު ގެނެސްދޭ "ފްލައިޓްއެވެއާ" ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހު އެކަނިވެސް އެމެރިކާގެ އެކި ކަންކޮޅުތަކުން 5,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފައިވާއިރު، ގާތްގަނޑަކަށް 5,300 ފްލައިޓް ވަނީ ޑިލޭ ވެފައެވެ.
މީގެ ކުރިން ސޯޝަލް މީޑިއާގައި ޑަފީ ކުރެއްވި ޕޯސްޓެއްގައި ފްލައިޓްތައް ރައްކާތެރިކަމާއެކު އުދުހެން ފަށާފައިވާކަން ކަށަވަރުކޮށްދެއްވަމުން، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ޝެޑިއުލްތަކަށް ބަދަލުތައް އަންނާނެ ކަމުގެ އިންޒާރު ދެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ތާށިވެފައިވާ ފަސިންޖަރުންނަށް އަލުން ޓިކެޓް ހަމަޖައްސައިދީ، އެކި ތަންތަނުގައި ހުރި ބޯޓުތަކާއި ކްރޫން އެންމެ ބޭނުންވާ ތަންތަނަށް ގެންދިއުމުގެ މަސައްކަތް އެއާލައިންތަކުން ކުރަމުންދާއިރު، ބައެއް ފްލައިޓްތައް ލަސްވުމާއި ކެންސަލްވުން އަދިވެސް ކުރިއަށްދާނެއެވެ.
މި ހާލަތާ ގުޅޭ އިތުރު ތަފްސީލު ދެއްވުމަށް އާދީއްތަ ދުވަހު ސީބީއެސް ގެ "ފޭސް ދަ ނޭޝަން ވިތު މާގަރެޓް ބްރެނަން" ޕްރޮގްރާމުގައި ޑަފީ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

