މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެ
ރާއްޖޭގައި ފަތުރުވެރިކަން ފުޅާވަމުންދާ ދަނޑިވަޅެއްގައި، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 124.62 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ގްރީން ޓެކްސްއުން ލިބުނު އާމްދަނީ ވަނީ ކުރިއަރާފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 119.86 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ހިންގާ އެކި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ގްރީން ޓެކްސް ނަގާ ފަރާތްތަކާއި ރޭޓުތައް
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ މި ޓެކްސް ނަގަނީ ޓޫރިސްޓު ރިޒޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންނެވެ. ތަނުގެ ބާވަތަށާއި ހުންނަ ސަރަހައްދަށް ބަލައި މި ޓެކްސް ނަގާ މިންވަރު ތަފާތުވެ އެވެ:
- ޓޫރިސްޓް ރިޒޯޓް، އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް، އަދި ރިޒޯޓް ހޮޓާ: މިއިން ކޮންމެ ފަތުރުވެރިއެއްގެ އަތުން 12 ޑޮލަރު
- މީހުން ދިރިނޫޅޭ ރަށެއްގައި ހުރި ނުވަތަ 50 ކޮޓަރިއަށްވުރެގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާ/ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް: 12 ޑޮލަރު
- މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާ/ޓޫރިސްޓް ހޮޓާ/ގެސްޓްހައުސް: 6 ޑޮލަރު
- ޓޫރިސްޓް އުޅަނދު އަދި އެ ނޫންވެސް އެފަދަ ތަންތަން: 12 ޑޮލަރު
މި ޤާނޫނުގެ ދަށުން ގްރީން ޓެކްސްއުން މުޅިން އިސްތިސްނާކޮށްފައިވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
