ޑައިވަރުންތަކެއްގެ މެދުގައި މޫދުއަޑީގައި ހަމަނުޖެހުމެއް ހިންގައިފި
މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ޑައިވަރުންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރާއްޖޭގެ މޫދު އަޑީގައި ހިނގައިފައިވާ ކަމަށް ބުނާ ހަމަނުޖެހުމެއްގެ މައްސަލައިގައި "މޯލްޑިވްސް ލެޖެންޑް" ޓުއާ އޭޖެންސީން ޑައިވަރަކު ސަސްޕެންޑުކޮށް، އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް މިއަދު ބުނެފިއެވެ.
ބޭރުގެ ނޫހެއްގައިވާ ގޮތުން އެއީ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށެވެ.
އެ ހަމަނުޖެހުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ބޭރުގެ ނޫހެއްގައި ރިޕޯޓްކޮށްފައި ވަނީ މި ހާދިސާ ހިނގީ ކަނޑުގެ 18 މީޓަރު އަޑީގައި ކަމަށާއި ހަމަނުޖެހުން ހިނގީ ބޭރުގެ ޑައިވަރަކާއި އިންސްޓްރަކްޓަރެއްގެ ދެމެދުގައި ކަމަށެވެ. އެގޮތުން ޑައިވަރަކު އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައިފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑްގެ ފަރާތުން ނެރުނު ބަޔާނެއްގައިވަނީ އެ ހާދިސާއާ ގުޅިގެން، އެ ލިވްއަބޯޑުގެ ފަރާތުން ޑައިވިނަށް ދިޔަ ގެސްޓާއި ޑައިވިން ޓީމުގެ މެންބަރުންގެ ބަޔާންތައް ލިއުމުން ހޯދައި، ކަން ހިނގިގޮތް އޮޅުންފިލުވައިފައިވާ ކަމަށެވެ.
އެ މީހުންނާ ހަވާލާދީ މޯލްޑިވްސް ލެޖެންޑުން ބުނީ އެ ހަމަނުޖެހުން ހިނގީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ އެކު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޑައިވަރުންގެ ޓީމުން މަސައްކަތްކުރީ އެ ހަމަނުޖެހުން ހުއްޓުވުމަށް ކަމަށެވެ.
އެހެންކަމުން އެ ހާދިސާގައި ކަން ހިނގިގޮތް އިތުރަށް ބަލައި ނިމެންދެން މޯލްޑިވްސް ލެޖެންޑްގެ ލިވްއަބޯޑުގެ ޑައިވަރު ސަސްޕެންޑުކޮށްފައިވާ ކަމަށް، އެ ލިވްއަބޯޑުން ބުންޏެވެ.
ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މޯލްޑިވްސް ލެޖެންޑުން އަބަދު ވެސް އިސްކަންދޭނެ ކަމަށާއި ޑައިވަރުންގެ ސަލާމަތަށް ހުރަސް އެޅޭ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް އެ ލިވްއަބޯޑުގެ ބަޔާނުގައިވެއެވެ.
މޯލްޑިވްސް ލެޖެންޑުން ބުނީ އެ ހާދިސާ ޓޫރިޒަމް މިނިސްޓްރީއާއި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ ކަންކަން ހެއްކާއި ހަގީގަތަށް ބަލައި ތަހުގީގުކުރުމަށް މޯލްޑިވްސް ލެޖެންޑުން ވަނީ ގޮވައިލައިފައެވެ.

