Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ބަންގްލަދޭޝްގެ ހަމަނުޖެހުންތައް ހޫނުވެ، ބަންގްލަދޭޝްގެ ކުރީގެ އިސް ވެރިޔާގެ އާއިލީ ގެއަށް ހަމަލާދީ ރޯކޮށްލައިފި

ބަންގްލަދޭޝްގެ ހަމަނުޖެހުންތައް ހޫނުވެ، ބަންގްލަދޭޝްގެ ކުރީގެ އިސް ވެރިޔާގެ އާއިލީ ގެއަށް ހަމަލާދީ ރޯކޮށްލައިފި
Photo: India Today
ތަފްޞީލް

ބަންގްލަދޭޝްގެ ކުރީގެ ވަގުތީ ސަރުކާރުގެ އިސް ވެރިޔާ މުހައްމަދު ޔޫނުސްގެ އާއިލީ ގެކޮޅަށް ބަޔަކު ހަމަލާދީ އަލިފާން ރޯކޮށްލައިފި އެވެ.


ޗަޓްގްރާމްގައި ހުންނަ އެ ގެއަށް ދިން މި ހަމަލާއާ ގުޅޭގޮތުން ޗަޓްގްރާމްގެ ޕަންޗްލައިޝް ފުލުހުންގެ އިދާރާގެ ވެރިޔާ މުޒައްމިލް ހަގު ވިދާޅުވީ، ހަމަލާދިން މީހުން އަލިފާން ރޯވާ ފަދަ އެއްޗެއް އެއްލާފައިވަނީ އެ ގޭގެ ތިރީ ފަންގިފިލާގައި ހުންނަ ބޭނުން ނުކުރާ ކޮޓަރިއަކަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހާދިސާގައި ގޭގެ މަތީ ފަންގިފިލާތަކުގައި ދިރިއުޅެމުންދާ ޔޫނުސްގެ އާއިލާގެ މެންބަރުންނަށް އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާއެކު ތިބި ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ.


ހަމަނުޖެހުންތައް ފެށުނު ސަބަބު: ގްލަދޭޝްގެ މަސްރަހު މިހާ ބޮޑަށް ހޫނުވެ ހަމަނުޖެހުންތައް ފެށެން މެދުވެރިވީ، ވެރިކަމުން ދުރުކުރުމާއެކު އިންޑިއާގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަންނަ ޑިސެންބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓަކާއި އައިޑީ ކާޑެއް ހޯއްދެވުމަށް އެދިވަޑައިގަތުމުން، މިހާރުގެ ސަރުކާރުން އެކަމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ. އެ ނިންމުމާ ދެކޮޅަށް ހަސީނާގެ މަނާކޮށްފައިވާ ޕާޓީ، އަވާމީ ލީގުން ހަފުތާއެއްހާ ދުވަހު ކުރިއަށްގެންދިޔަ އިހުތިޖާޖުތަކަށްފަހު މުޅި ގައުމު ހުއްޓުވާލުމަށް ގޮވާލުމުން މަގުމަތީގެ ހަމަނުޖެހުންތައް ފެށިގެން ދިޔައީ އެވެ.


ހަސީނާގެ ވެރިކަން ބަދަލުވުމަށްފަހު އުފެދުނު ވަގުތީ ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި މުހައްމަދު ޔޫނުސްއަކީ ހަސީނާ ވެރިކަމުން ދުރުކޮށް، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމުގެ ފަހަތުގައިވާ މައިގަނޑު ސިޔާސީ ވާދަވެރިޔާ ކަމަށް އަވާމީ ލީގުގެ ސަޕޯޓަރުން ދެކެ އެވެ. އެހެންކަމުން، ޔޫނުސްގެ އާއިލީ ގެކޮޅަށާއި އޭނާ އުފެއްދެވި ގްރާމީން ބޭންކުގެ ގޮފިތަކަށް ހަމަލާދީ ރޯކޮށްލާފައިވަނީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގަ އެވެ. މިއާއެކު، ގައުމުން ބޭރުގައި ތިއްބެވި އަވާމީ ލީގުގެ ވެރިން ގައުމު ހަލަބޮލިކުރަން ހިތްވަރުދޭ ކަމަށް ތުހުމަތުކޮށް، ސަރުކާރުން ބޯޑާ ގާޑުން ނެރެ ކުރީގެ އިސް ވެރިން ހައްޔަރުކުރަން ފެށުމުން ދެފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ގޯސްވެފަ އެވެ.


މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ އަންނަ ޑިސެންބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓަކާއި އައިޑީ ކާޑެއް ހޯއްދެވުމަށް އެދިވަޑައިގަތުމުން ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އަވާމީ ލީގުން ގައުމު ހުއްޓުވާލުމަށް ގޮވާލާފައިވަނީ، ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ހަފުތާއެއްހާ ދުވަހު ކުރިއަށްގެންދިޔަ އިހުތިޖާޖުތަކަށް ފަހުގަ އެވެ.



އިތުރު ހަމަލާތަކާއި ގެއްލުންތައް:

  • ޑާކާގެ ހަމަނުޖެހުންތައް: ވެރިރަށް ޑާކާގައި އަތުބޮންތަކެއް ގޮއްވާލައި ހިންގި ހަމަނުޖެހުންތަކުގައި މަދުވެގެން ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންނާއި މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ ދެ މެންބަރަކު ވަނީ މަރުވެފަ އެވެ.
  • ގްރާމީން ބޭންކަށް އަމާޒުވި ހަމަލާތައް: ޔޫނުސް އުފެއްދެވި ގްރާމީން ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، އެ ބޭންކުގެ މަދުވެގެން 37 ގޮތްޕަކަށާއި އޮފީހަކަށް ވަނީ އަލިފާނުގެ ހަމަލާތައް ދީފަ އެވެ.


ސަލާމަތީ ފިޔަވަޅުތަކާއި ހައްޔަރުކުރުންތައް: ގައުމުގެ މަސްރަހު ކޮންޓްރޯލްކޮށް ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި، ބަންގްލަދޭޝް ބޯޑާ ގާޑު (ބީޖީބީ) ގެ 97 ޕްލެޓޫނެއް ގޯޕާލްގަންޖާއި ފަރީދުޕޫރު ހިމެނޭހެން ޖުމްލަ ހަތް ޑިސްޓްރިކްޓަކަށް ފޮނުވާފައިވާ ކަމަށް އެ އިދާރާގެ ތަރުޖަމާނު ޝަރީފުލް އިސްލާމް ވިދާޅުވި އެވެ.


މީގެ އިތުރުން، 2024 ވަނަ އަހަރުގެ މުޒާހަރާތަކުގައި ބަޔަކު މެރުމުގެ ދައުވާ އުފުލާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ނޫރުލް އިސްލާމް ނާހިދު، ޑާކާގައި ހުންނަ އޭނާގެ ގެއިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. މިކަން ފުލުހުންގެ އޮފިސަރު މުހައްމަދު ހާލިދު މަންސޫރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.


މި ހާދިސާތަކާ ގުޅިގެން ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، ގައުމުން ބޭރުގައި ތިއްބެވި އަވާމީ ލީގުގެ ވެރިން ގައުމު ހަލަބޮލިކޮށް އާންމު މުދަލުގައި ރޯކުރުމަށް ހިތްވަރުދެއްވާ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވައި ދައުވާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all