އޮސްޓްރޭލިއާގެ ދެކުނުއިރުމައްޗަށް 5.9 މެގްނިޓިއުޑްގެ ބާރުގަދަ ލޮޅުމެއް އަރައިފި!
ބުދަ ދުވަހުގެ ހެނދުނު އޮސްޓްރޭލިއާގެ ދެކުނުއިރުމައްޗަށް އެރި 5.9 މެގްނިޓިއުޑްގެ ބާރުގަދަ ލޮޅުމާއެކު މެލްބަންގެ ހިތާއި މުޅި ސަރަހައްދު ސިއްސައިގެން ދިޔައެވެ! ވިކްޓޯރިއާގެ ވެރިރަށް މެލްބަންއާ މާ ދުރުނޫން މެންސްފީލްޑް ކައިރިއަށް، އެ ގައުމުގެ ގަޑިން ހެނދުނު 09:15 ހާއިރު އައި މި ލޮޅުމުގައި އިމާރާތްތައް ގުޑި، ދޮރުފަތްތައް ތެޅި، އަދި އާންމުން ބިރުން މަގުމައްޗަށް ނުކުމެފައިވެއެވެ.
މި ލޮޅުމުގެ އަސަރު އައީ ހަމައެކަނި މެލްބަންއަކަށް ނޫނެވެ؛ ކައިރީގައިވާ ސައުތު އޮސްޓްރޭލިއާ އަދި ނިއު ސައުތު ވޭލްސްއަށްވެސް މި ލޮޅުމުގެ ބާރުގަދަ އަސަރު ވަނީ ކޮށްފައެވެ. މީގެ އިތުރުން، މި ލޮޅުމައަށްފަހު 4.0 އަދި 3.1 މެގްނިޓިއުޑްގެ ދެ 'އަފްޓާޝޮކް' ނުވަތަ ކުދި ލޮޅުންތައް އައިސް، ސަރަހައްދުގެ ރައްޔިތުން ނުހަނު ބޮޑަށް ސަމާލުވެގެން ތިބޭންޖެހުނެވެ.
މެލްބަންގެ ބައެއް އިމާރާތްތަކުގެ ފާރުތަކުގައި ރެނދުލައި، ފާރުން ގާބުރެތަކެއް ވެއްޓިފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އޮސްޓްރޭލިއާއަށް އައި އެންމެ ބޮޑު އެއް ލޮޅުމެއެވެ. ނަމަވެސް، ލިބުނު ގެއްލުންތަކާއެކުވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އެމެރިކާގައި ހުންނަވައިގެން ވާހަކަދައްކަވަމުން ބޮޑުވަޒީރު ސުކޮޓް މޮރިސަން ވިދާޅުވީ، އޮސްޓްރޭލިއާއަށް ލޮޅުމެއް އައުމަކީ އާންމުކަމެއް ނޫންކަމަށާއި، ނަމަވެސް ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ލިބިފައިނުވުމަކީ ލިބުނު ނުހަނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ވިކްޓޯރިއާގެ އެމަރޖެންސީ ހިދުމަތްތަކުން ވަނީ ރައްޔިތުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އިތުރު ލޮޅުންތަކެއް އައިސްދާނެތީ، ގެއްލުންވެފައިވާ އިމާރާތްތަކާ ދުރުގައި ތިބުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އޮތޯރިޓީތަކުން ވަނީ އަންގާފައެވެ.
