ކުލި ނުދައްކާތީ ހުޅުމާލޭ "ރިވެލި ބީޗް ރެސްޓޯރަންޓް" ހިންގާ ބިން އެޗްޑީސީން އަތުލައިފި!
ހުޅުމާލޭގެ "ރުއްގަނޑު 1" ސަރަޙައްދުގައި ހިންގަމުން އައި މަޝްހޫރު "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" އަށް ދޫކޮށްފައިވާ ބިމުގެ ކުލި ނުދައްކާ އޮތް މައްސަލައިގައި، އެ އެއްބަސްވުން ބާޠިލުކޮށް އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދޭ ގޮތުގައި، އެ ރެސްޓޯރަންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ކުލީގެ ގޮތުގައި އެޗްޑީސީއަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުމަށް އެކި ފަހަރު މަތިން ފުރުޞަތު ދިން ނަމަވެސް، ޤަވާޢިދުން ކުލި ދައްކާފައި ނުވާކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
މީގެ އިތުރުން, އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ސީއެސްއާރު (އިޖުތިމާއީ ޒިންމާ) ގެ ހަރަކާތްތައްވެސް އެ ކުންފުނިން ކުރިއަށް ކުރިއަށްގެންގޮސްފައި ނުވާކަމަށް އެޗްޑީސީގެ އޮފިޝަލަކު މަޢުލޫމާތު ދެއްވާފައިވެއެވެ.
އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން، އެ ތަނުގައި ކުރިއަށްގެންދާ އެންމެހައި ވިޔަފާރި ހަރަކާތްތައް ހުއްޓާލައި، ތަން ހުސްކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިގޮތްތައް ހޯދައިދިނުމަށްފަހު، އެކަށީގެންވާ ޙައްލެއް ނުލިބުމުން ކޮންމެހެން ނަގަންޖެހުނު ފިޔަވަޅެއް ކަމަށެވެ.
