ކޮންމެ ދުޝްމަނަކާ ދެކޮޅަށް ހުރަސް އަޅައި ކުރިމަތިލުމަށް އިރާނުއޮތީ ތައްޔާރަށް
ކޮންމެ ދުޝްމަނަކާ ދެކޮޅަށް ވެސް ކުރިމަތިލައި ހުރަސްއެޅުމަށްޓަކައި އީރާނުގެ ބޯޑަރުތަކުގައި ސިފައިންނާއި އަސްކަރީ ސާމާނު އަތުރާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ގްރައުންޑް ފޯސްގެ ޑެޕިއުޓީ އޮޕަރޭޝަންސް ޗީފް، ސީރޫސް އަމަނުﷲ ހީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަމަނުﷲ ހީ ވިދާޅުވީ އެ ގައުމުގެ އަސްކަރީ ފައުޖުތައް އޮތީ ހަނގުރާމައަށް ތައްޔާރުވުމުގެ އެންމެ މަތީ ދަރަޖައިގައި ކަމަށެވެ. އަދި އެ ފައުޖުތަކަކީ މިހާރު ލިބެންހުރި އެންމެ ޒަމާނީ ހަތިޔާރާއި އަސްކަރީ ސާމާނުން ފުރިހަމައަށް ސަފުތައް ތަރުތީބުކުރެވިފައިވާ ފައުޖުތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަމަނުﷲ ހީ ވިދާޅުވީ، އީރާނުގެ ސަރަހައްދަށް ވަނުމަށްޓަކައި ދުޝްމަނުންނަށް ކޮންމެ ސިފައިގެ މީހަކު ފަހަނައަޅައި ދާންޖެހޭނެ ކަމަށެވެ.
އީރާނުގެ ވައިގެ ސަރަހައްދަކީ ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެއް ކަމަށް ބުނެ، އެ ސަރަހައްދަށް ވަންނަ ހަނގުރާމަމަތީ ބޯޓުތައް ބަޑިޖަހައި ވައްޓާލާނެ ކަމުގެ އިންޒާރު އެ ގައުމުން ވަނީ ތަކުރާރުކޮށްފަ އެވެ. މިފަދަ ހާދިސާތައް ދާދި ފަހުން ހިނގި ހަނގުރާމައިގެ ތެރޭގައި ވެސް ފެނިގެން ގޮސްފައިވާކަން އީރާނުން ފާހަގަކުރެ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، ފުރިހަމަ ބާރާއެކު ގައުމު ދިފާއުކުރުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކޮށް އަމަލުކުރާނަމަ، ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފުރުސަތު އޮތް ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ދެއްވާފަ އެވެ.