އޭޝިއަން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދިތާ ތިން ދުވަސް ފަހުން އިރާގުގެ މަޝްހޫރު ބޮޑީބިލްޑަރު ސަޖާދު ކުއްލި ގޮތަކަށް މަރުވެއްޖެ
އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައި، މުޅި އިރާގަށް ޝަރަފާއި ރީތި ނަން ހޯދައިދިންތާ އެންމެ ތިން ދުވަސް ފަހުން، އެ ގައުމުގެ މަޝްހޫރު ބޮޑީބިލްޑިންގ ޗެމްޕިއަން ސަޖާދު ޖަވާދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އުމުރުން 30 އަހަރުގެ ސަޖާދު މަރުވިކަން ކަށަވަރުކޮށްދީފައިވަނީ އިރާގުގެ ނޭޝަނަލް ފެޑެރޭޝަން އޮފް ބޮޑީބިލްޑިންގ އެންޑް ފިޓްނަސްއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރަސްމީ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި، ފެޑެރޭޝަންގެ ރައީސް ފާއިޒް އަބްދުލް ހަސަން އާއި އެހެނިހެން އޮފިޝަލުން ވަނީ ސަޖާދުގެ އާއިލާއަށާއި ގާތްތިމާގެ މީހުންނަށް ފުން ހިތާމައާއެކު ތައުޒިޔާ ފޮނުއްވައި، އޭނާއަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާފަ އެވެ. ނަމަވެސް، އޭނާ މަރުވާން ދިމާވި ސިއްހީ ސަބަބެއް އެ ފެޑެރޭޝަނުންވެސް އަދި ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ތައިލެންޑުގެ ޕަޓާޔާގައި މި ނޮވެމްބަރު މަހު ކުރިއަށްދިޔަ އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި އިރާގުގެ ގައުމީ ޓީމު ތަމްސީލުކޮށް، ސަޖާދު ރަން މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ 90 ކިލޯގެ ކެޓަގަރީންނެވެ. ދުނިޔޭގެ 35 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މި މުބާރާތުގައި ހޯދި މި ރަން މެޑައްޔަކީ، މީގެ ކުރިން ހަމަ އެ މުބާރާތުގެ 90 ކިލޯ ކެޓަގަރީގައި ވާދަކޮށް 11 ވަނަ ހޯދި ސަޖާދުގެ ކުޅިވަރު ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ބޮޑީބިލްޑިންގ ގެ މައިދާނުގެ އިތުރުން، ސަޖާދަކީ އިރާގުގެ ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. ސޯޝަލް މީޑިއާގައި "ޑރ. މަސްލް" ގެ ނަމުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ސަޖާދުގެ އިންސްޓަގްރާމް އެކައުންޓަށް 260،000 އަށްވުރެ ގިނަ ފޮލޯވަރުން ލިބިފައިވެ އެވެ.
އޭޝިއާގެ ޗެމްޕިއަންކަން ހޯދުމުގެ އުފާފާޅުކުރުންތަކުގައި މުޅި އިރާގު އޮއްވައި ކުއްލި ގޮތަކަށް ލިބުނު މި ހިތާމަވެރި ޚަބަރާއެކު އެ ގައުމުގެ ކުޅިވަރު އާއިލާއަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ. ރަން މެޑަލް ހޯދުމަށްފަހު ސަޖާދު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ފަހު ޕޯސްޓަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެތުލީޓުން ދަނީ ހިތާމަފާޅުކޮށް، ކުޅިވަރަށް އޭނާ ކޮށްދިން ޚިދުމަތްތަކުގެ އަގުވަޒަންކޮށް މެސެޖުތައް ލިޔަމުންނެވެ.

