ކޮމަންޑޫ މަގުތަކުގައި އިންދާފައިވާ ކާބޯތަކެތި އަޅާ ގަސްތައް ނަގަން އަންގައިފި
ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއްދީ އާންމު އިޢުލާނެއް ކޮށްފިއެވެ.
މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މަގުމަގާއި ގޯޅިތަކުގައި ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަމުގައި ކައުންސިލުން ވަނީ އެ އިއުލާނުގައި ބުނެފައެވެ.
މީގެއިތުރުން، ކާބޯތަކެތި އަޅާ އެއްވެސް ބާވަތެއްގެ ގަހެއް މަގުމަތީގައި ހެއްދުމަކީ ވެސް މަނާކަމެއްކަމުގައި އެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް، ބަގީ ފަދަ އުޅަނދުފަހަރަށް ދަތިނުވާނެހެން، މާ އަޅާ ގަހާއި ބަގީޗާގަސް ހެއްދިދާނެކަމަށް ކޮމަންޑޫ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް ކަނޑައަޅާފައިވާ ތާރީޚުގެ ފަހުން، ކާބޯތަކެތި އަޅާ ގަސް އިންދައި ހެއްދުމާއި، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާނަމަ، އެ ތަކެތި ކައުންސިލުން ނަގާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
