ކެލިފޯނިއާގައި 548 މީހަކަށް ކޮށްފައިވާ މަރުގެ ހުކުމް ބަދަލުކުރުމަށް ގަވަރުނަރުގެ އިޢުލާނެއް
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ ކުށްވެރިންގެ ހުކުމް، ޕެރޯލް ނުލިބޭ ގޮތަށް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރުމުގެ (ކޮމިއުޓޭޝަން) މަސައްކަތް ފައްޓަވާފައިވާ ކަމަށް އެ ސްޓޭޓުގެ ގަވަރުނަރު ގެވިން ނިއުސަމް ނޮވެމްބަރު 5 ވަނަ ދުވަހު އިޢުލާނުކުރައްވައިފިއެވެ.
މި ތާރީޚީ ނިންމުމުގެ ދަށުން، ކެލިފޯނިއާގެ "ޑެތް ރޯ" ގައި ތިބި ޖުމްލަ 548 ގައިދީންގެ ހުކުމް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 529 ފިރިހެނުންނާއި 19 އަންހެނުންނެވެ. ކެލިފޯނިއާގެ ޤާނޫނުއަސާސީ އޮންނަ ގޮތުން، މީގެ ކުރިން ބޮޑު ޖިނާއީ ކުށެއްގެ (ފެލޮނީ) ރެކޯޑެއް ނެތް ގާތްގަނޑަކަށް 30 އިންސައްތަ ގައިދީންގެ ހުކުމް ބަދަލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ގަވަރުނަރަށް އަމިއްލަފުޅަށް ލިބިގެންވެއެވެ. ނަމަވެސް، މީގެ ކުރިން ދެ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ފެލޮނީ ސާބިތުވެފައިވާ ބާކީ 70 އިންސައްތަ ގައިދީންގެ ހުކުމް ބަދަލުކުރެވޭނީ ކެލިފޯނިއާގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން މަދުވެގެން ހަތަރު ފަނޑިޔާރުންގެ ރުހުން ލިބިގެން ކަމަށްވާތީ، ގަވަރުނަރު ވަނީ އެ ހުއްދައަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ރަސްމީކޮށް މައްސަލަ ހުށަހަޅުއްވާފައެވެ .
ގަވަރުނަރުގެ އޮފީހުން ސާފުކޮށްދީފައިވާ ގޮތުގައި، މިއީ އެއްވެސް ގައިދީއަކަށް މާޢާފު ދިނުމެއް ނުވަތަ އެމީހުންގެ މައްޗަށް ކޮށްފައިވާ ކުށުގެ ޙުކުމްތައް ބާޠިލުކުރުމެއް ނޫނެވެ. އަދި އެއްވެސް ގައިދީއަކު ޖަލުން ދޫކޮށްލުމެއް ނެތް އިރު، މުސްތަޤުބަލުގައިވެސް އެމީހުންނަށް ޕެރޯލްގެ ދަށުން މިނިވަންވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށާއި، ދިރިއުޅުމުގެ ބާކީ އޮތް ބައި އެމީހުން ހޭދަކުރަންޖެހޭނީ ޖަލުގެ ތެރޭގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކެލިފޯނިއާއަކީ އެމެރިކާގައި މަރުގެ ހުކުމް ތަންފީޒުކުރުން އިންތިޒާރުގައި އެންމެ ގިނަ ގައިދީން ތިބި އެއް ސްޓޭޓެވެ. 1978 ވަނަ އަހަރު މަރުގެ އަދަބު އަލުން ތަންފީޒުކުރަން ފެށި ފަހުން އެ ސްޓޭޓުގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ އެންމެ 13 މީހުންގެއެވެ. އަދި އެންމެ ފަހުން މީހެއްގެ މަރުގެ އަދަބު ތަންފީޒުކުރީ 2006 ވަނަ އަހަރު ކަމަށްވާއިރު، 2019 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ގަވަރުނަރު ނިއުސަމް ވަނީ މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީގޮތުން ހުއްޓުވާފައެވެ (މޮރަޓޯރިއަމް) .
އަންނަ ޖެނުއަރީ މަހު ގަވަރުނަރުކަމުގެ ދައުރު ހަމަވާތީ މަޤާމުން ވަކިވެވަޑައިގަތުމުގެ ކުރިން ނިއުސަމް އެޅުއްވި މި ފިޔަވަޅާ ގުޅިގެން ސިޔާސީ ގޮތުންނާއި ޢާންމުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ . އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން މި ނިންމުމަށް ތާޢީދުކުރި ނަމަވެސް، ކުށްތަކުގެ ޝިކާރައަކަށްވި މީހުންގެ ޢާއިލާތަކުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ، މިއީ އިންސާފަށް ހުރަސްއެޅުމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ . ކޯޓުގެ ރުހުން ލިބެންޖެހޭ މައްސަލަތަކުގައި ނިއުސަމްގެ ދައުރު ނިމުމުގެ ކުރިން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމައިފިނަމަ، އެ ހުށަހެޅުންތައް ބާޠިލުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
