ޖަޕާނުގެ މެދުތެރެއަށް ބާރުގަދަ ބިންހެލުމެއް އައިސް 20 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ
ޖަޕާނުގެ މެދުތެރެއަށް 5.7 މެގްނިޗިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި އެ ސަރަޙައްދުން ވިއްސަކަށް މީހުންނަށް އަނިޔާވެ، ބައެއް ޢިމާރާތްތަކާއި ފިހާރަތަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
5.7-magnitude earthquake strikes central Japan, injuring dozens Follow: https://t.co/Ez42KDda7X https://t.co/VrsuRRawPO
— PressTV Extra (@PresstvExtra) November 8, 2026
ޖަޕާން މީޓިއޮރޮލޮޖީ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިންހެލުން އުފެދިފައިވަނީ ޝިޒުއޯކާ ޕްރިފެކްޗަރު ހަވާސާގައި ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ. މި ހާދިސާގެ ސަބަބުން އައިޗީ އަދި ޝިޒުއޯކާ ހިމެނޭ ސަރަޙައްދުތަކުން މީހުންނަށް އަނިޔާވެފައިވާއިރު, ބައެއް ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް، ފޮތްފަދަ ތަކެތި ހަރުގަނޑުތަކުން ވެއްޓިފައިވެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ލޯކަލް ޓްރެއިން ދަތުރުތައް ވަގުތީގޮތުން މެދުކަނޑައިލަން ޖެހުނު ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވާއިރު, އަންނަ ދުވަސްތަކުގައި ވެސް އިތުރު އާފްޓަރޝޮކްތަކެއް އައުން އެކަށީގެންވާތީ ރައްޔިތުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވައިފި އެވެ.