އިންޑޮނޭޝިއާގެ ވަލުތަކުގައި ރޯވެ، އަވަށްޓެރި ގައުމުތަކަށް ދުމުގެ ނުރައްކާ ބޮޑުވެއްޖެ
ންޑޮނޭޝިއާގެ ބޯނިއޯ އަދި އީސްޓް ކަލިމަންތަން ސަރަހައްދުގެ ވަލުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްނުވެ، ސަރަހައްދީ ގައުމުތަކަށް ނުރައްކާތެރި ދުމުގެ އަސަރު ފެތުރެން ފެށުމާ ގުޅިގެން ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މަސްތަކެއް ވަންދެން ކުރިއަށްދާ މިއަލިފާންގަނޑުގެ ސަބަބުން ނިކުމެފައިވާ ދުމުގެ ސަބަބުން ސިއްހީ ނުރައްކާތެރިކަން ބޮޑުވެ، އެތައް ސަތޭކަ ހާސް ބަޔަކަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެމުންދާތީ، އިންޑޮނޭޝިއާއަށް އެހީތެރިވުމަށް އޮސްޓްރޭލިއާއިން ވަނީ އެގައުމުގެ މިލިޓަރީ ސީ-130 ހާކިއުލީސް މަތިންދާބޯޓު އީސްޓް ކަލިމަންތަންއަށް ފޮނުވާފައެވެ.
މި އަލިފާންގަނޑު ނިއްވާލުމަށް އިންޑޮނޭޝިއާގެ ސައިންސްވެރިންނާއި އެއަރފޯސްއިން ދަނީ ޖައްވަށް ލޮނާއި އައިސް އެޅުމުގެ އުކުޅުތައް ބޭނުންކޮށްގެން ކްލައުޑް ސީޑިންގ ނުވަތަ ވާރޭ ވެއްސުމުގެ ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ. ނަމަވެސް، ވިއްސާރަ ނުވެ ގަދައަށް ވައިޖެހެމުންދާތީ، އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
މި ދުމުގެ އަސަރު ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކަށް ފޯރަން ފެށުމުން، ސިންގަޕޫރުގެ ގާނޫނުހަދާ މަޖިލީހުން ވަނީ އެގައުމުގެ "ޓްރާންސްބައުންޑަރީ ހޭޒް ޕޮލިއުޝަން އެކްޓް" އިސްލާހުކޮށް، ގާނޫނާ ހިލާފަށް އަލިފާން ރޯކުރާ އަދި ކުންފުނިތަކަށް ކުރާ ޖޫރިމަނާ 10 ގުނައަށް ބޮޑުކޮށްފައެވެ. މި އިސްލާހުގެ ދަށުން، ތިމާވެށި ތަގައްޔަރުކުރާ ކުންފުނިތައް 20 މިލިއަން ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ލިބިދީފައެވެ.
ސަރަހައްދީ ގައުމުތަކުން ދަނީ އިންޑޮނޭޝިއާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާއެކު ހާއްސަ ފަޔަރފައިޓިންގ އޮޕަރޭޝަންތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
