ހުއްދަ ނެތި ފޮޓޯތަކަށް ވަން މައްސަލައިގައި އިޓަލީން މެޓާ 880 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި.
ހޮނިހިރު ދުވަހު އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޓާ އިން އެންޑްރޮއިޑް ޑިވައިސްތަކުގައި ބޭނުންކުރާ ފޭސްބުކް އެޕްލިކޭޝަން މެދުވެރިކޮށް، އިޓަލީގެ ރައްޔިތުންގެ 'ވަކި ހާއްސަ ހުއްދައެއް' ހޯދުމަކާ ނުލައި އަދި އެކަން އެ ފަރާތްތަކަށް ރަނގަޅަށް އަންގާފައި ނުވަނީސް، އެ މީހުންގެ ފޮޓޯތަކާއި، ވީޑިއޯތައް އަދި އެއާ ގުޅުންހުރި މެޓާޑޭޓާއަށް ވަދެފައިވާ ކަމަށެވެ.
މިއީ އިޓަލީގެ ރެގިއުލޭޓަރުން މިހާތަނަށް ބޮޑު ޓެކްނޮލޮޖީ ކުންފުންޏަކާ ދެކޮޅަށް އެޅި އެންމެ ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ޖޫރިމަނާއެކެވެ. މީގެ ކުރިން 2021 ވަނަ އަހަރު، ވާދަވެރިކަމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން އެމޭޒަން ވަނީ 1.1 ބިލިއަން ޔޫރޯ (ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް އިސްތިއުނާފު މަރުހަލާގައި އެ އަދަދު ވަނީ 752 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 829 މިލިއަން ޑޮލަރު) އަށް ކުޑަކޮށްފައެވެ.
ހޮނިހިރު ދުވަހު ނިންމި މި ނިންމުން ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މެޓާއަށް އެބައޮތެވެ. ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށްވެސް މިކަމާ ގުޅޭގޮތުން މެޓާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އިޓަލީން އެޅި މި ފިޔަވަޅަކީ ޕްރައިވެސީ މައްސަލަތަކުގައި މެޓާއާ ދެކޮޅަށް ނިންމަމުންދާ އަގުބޮޑު ނިންމުންތަކުގެ ލިސްޓަށް އިތުރުވި ބޮޅެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު، އެމެރިކާގެ ނިއު މެކްސިކޯގެ ފަނޑިޔާރަކު ވަނީ އެ ސްޓޭޓަށް 25 ބިލިއަން ޑޮލަރު ދެއްކުމަށް މެޓާގެ މައްޗަށް އަމުރުކޮށްފައެވެ. އެއީ ޑޭޓާ ޕްރައިވެސީ ސިޔާސަތުތަކާ ގުޅޭގޮތުން އެ ކުންފުނިން އެތައް އަހަރެއް ވަންދެން އާންމުންނަށް އޮޅުވާލާފައިވާ ކަމަށް ޖޫރީން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް ޖޫރީގެ އެ ނިންމުމާ އެއްބަސްނުވާ ކަމަށް މެޓާއިން އޭރު ބުނެފައިވެއެވެ.

