ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކަމަށްބުނެ ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދޫނިދޫއަށް ގެންގޮސްފި އެވެ.
ޝާހިދު ހައްޔަރުކޮށްގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. އޭގެފަހުން ހުޅުމާލެ އިން ލޯންޗެއްގައި ޝާހިދު މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެއީ ކޮންދުވަހަކު ކޮންވަގުތަކު ހިންގިކަމެއް ކަމަށްވެސް ފުލުހުން ނުބެނެއެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ޝާހިދު ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގެންފަ އެވެ.
ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ. އަދި މީގެއިތުރުން ޝާހިދަކީ ސަރުކާރުން ރަސްމާލެ އިން ބައެއް ދިގުމުއްދަތަކަށް ދޫކޮށްލަން (އީގަލް ހިލްސްގެ ރެޒިޑެންސީ ޕްރޮޖެކްޓަށް) އުޅޭ މައްސަލައާއި ދެކޮޅަށް ވަރަށް ވަރުގަދައަށް ވަކާލާތުކުރައްވާ ރައްޔިތުންގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.