ހައްޖަށް ދާން މިހާރު ނަން ނޯޓުކުރިޔަސް ޖާގަ ލިބެނީ 17 އަހަރު ފަހުން 2043 ގައި: ހައްޖު ކޯޕަރޭޝަން
ރާއްޖެއިން ހައްޖަށް ދިއުމަށް މިހާރު ނަން ނޯޓުކުރާ މީހުންނަށް ޖާގަ ލިބޭނީ މީގެ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އުމުރުން 65 އަހަރު ފުރޭފަހުން ވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުވުމަށް މަގުފަހިކޮށްދޭ ގަވައިދަށް އަމަލުކުރަން ފެށުމާ ގުޅިގެން، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒެވެ.
މުއާޒު ވިދާޅުވި ގޮތުގައި، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތަށް ގަވައިދަށް ބަދަލު އައި ނަމަވެސް، ހައްޖު ކިޔޫގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުވަމުންދާނީ ކުރިންވެސް އޮންނަ އުސޫލުން ފައިސާ ދައްކާ ތަރުތީބުންނެވެ.
ޕެންޝަން ފައިސާއިން ހައްޖަށް ދިއުމުގެ ޝަރުތުތަކާއި އުސޫލު:
- ޝަރުތުތައް: މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައި ނުވާ މީހަކަށް ވުމާއެކު، ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަންޖެހޭނެއެވެ.
- ރަހުނުކޮށްފައިވާނަމަ: ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ބާކީ ހުންނަންޖެހޭނެއެވެ.
- އަމަލުކުރާނެ ގޮތް: މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން، ހައްޖު ދަތުރުގެ ޖުމްލަ އަގުގެ 20 އިންސައްތަ ހައްޖު ކޯޕަރޭޝަނަށް ދެއްކުމަށްފަހު، ބާކީ ބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެއެވެ.
- އިންވެސްޓްކުރުން: ޕެންޝަން އެކައުންޓުން އެ ފައިސާ ވަގުތުން އުނިއެއް ނުވާނެއެވެ. އަދި ހައްޖު ކޯޕަރޭޝަނާ ފައިސާ ހަވާލުކުރަންދެން އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުންނެވެ.
ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް އަހަރަކު ދޫކުރަނީ 1,000 މީހުންގެ ހައްޖު ކޯޓާއެއް ކަމަށްވާތީ، ހައްޖަށް ދިއުމަށް ކިޔޫގައި އެތައް އަހަރެއް ވަންދެން މަޑުކުރަންޖެހޭތީ އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

