ހއ. ދިއްދޫގައި ތަރައްގީކުރި އައުޓްޑޯރ ވޮލީ ކޯޓު ކުޅިވަރާބެހޭ ވަޒީރު ރާފިޢު ހުޅުވައިދެއްވައިފި
ހއ.ދިއްދޫ ފުލެޓް ސަރަހައްދުގައި އަލަށް ތަރައްގީކުރެވުނު އައުޓްޑޯ ވޮލީކޯޓް ހުޅުވައި ދެއްވައިފިއެވެ. މިސަރަހައްދަކީ ފޭސް 1 ގައި ބިން ހިއްކާފައިވާ ސަރަހައްދެކެވެ.
ދިއްދޫގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓް ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރި މި ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އަހުމަދު މުބީނާއި ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވޮލީކޯޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، މި ހުޅުވުނު ވޮލީކޯޓާއެކު ކުރެވޭ އެންމެބޮޑު އުއްމީދަކީ ގައުމީ ފެންވަރުގައާ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް ދިއްދޫން އުފެދިގެން ދިއުމެވެ. އަދި ރަށުގެ ކުދިބޮޑު އެންމެންވެސް މި ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށްވެސް މިނިސްޓަރ ރާފިޢު އެދިވަޑައިގެންނެވިއެވެ.
އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަމަށާއި ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.
ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ. އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޔޫތުމިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.
ދިއްދޫގައި ހުޅެވުނު މި ވޮލީކޯޓް ހިމެނޭ ސަރަހައްދަކީ ގިނަ ކުޅިވަރު ބިންތަކެއް ހިމެނޭ ޒޯނެކެވެ. މި ސަރަހައްދުގައި ފުޓްބޯލަދަނޑަކާއި ނެޓްބޯޅަ ކޯޓަކާއި ފުޓްސަލަ ދަނޑެއް އޮވެއެވެ. މީގެތެރެއިން ރަށުކައުންސިލުން ޚަރަދުކޮށްގެން ވަނީ ފުޓްސަލް ދަނޑަކާއި ނެޓްބޯޅަ ކޯޓެއް ތަރައްގީކޮށްފައެވެ.
