Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ގްރީންލޭންޑްގެ ގަނޑުފެން ވިރުވަމުންދާތީ މީހުންގެ ކުރީގެ ހަނދާންތައް ރައްކާކުރުމަށް ޚާއްޞަ މަޝްރޫއެއް

ގްރީންލޭންޑްގެ  ގަނޑުފެން  ވިރުވަމުންދާތީ މީހުންގެ ކުރީގެ ހަނދާންތައް ރައްކާކުރުމަށް ޚާއްޞަ މަޝްރޫއެއް
https://apnews.com/article/greenland-climate-icebergs-arctic-ice-melt-mapping-cbefcabadc67e963ee4645456d422870
ތަފްޞީލް

ދުނިޔޭގެ މޫސުމަށް އަންނަ ހަލުވި ބަދަލުތަކުގެ ސަބަބުން ގްރީންލޭންޑްގެ ގަނޑުފެނުގެ ފަށަލަތަކާއި އައިސްބާގްތައް ވަރަށް ބާރަށް ވިރެމުންދާތީ، އެ ޤައުމުގެ ރައްޔިތުންގެ ސަގާފީ ދިރިއުޅުމާއި ތާރީޚީ ހަނދާންތައް އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަށް "މެޕިންގ މެމޮރީސް" (Mapping Memories) ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ސްވިޑަންގެ ރީޖަނަލް ޑިވެލޮޕްމަންޓް ދިރާސާކުރާ މަރުކަޒެއް ކަމަށްވާ "ނޯޑްރެޖިއޯ" (Nordregio) އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާތަނަށް ގްރީންލޭންޑްގެ އެކި ސަރަޙައްދުތަކުން 60 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއުކޮށް، އެމީހުންގެ ޒަމާންވީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ހަނދާންތައް ވަނީ ރެކޯޑުކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ގްރީންލޭންޑްގެ އާބާދީގެ ދިރިއުޅުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަމުންދާ ނޭދެވޭ އަސަރުތައް ލިޔެކިޔުމުންނާއި ޑިޖިޓަލް ޗާޓުތަކުގެ އެހީގައި ރައްކާކުރުމެވެ.


ގްރީންލޭންޑްގެ އިލުލިސަތު ސިޓީގައި ދިރިއުޅޭ އުމުރުން 42 އަހަރުގެ ކުނޯ ޖެންސަން ކިޔައިދިން ގޮތުގައި، އޭނާގެ ކުޑައިރުގެ ދުވަސްވަރު އެ ސަރަޙައްދުގެ ކަނޑުތަކުގައި ފެންނަން ހުންނަ ބޮޑެތި އައިސްބާގްތަކާއި ގަނޑުފެނުގެ ބޯ ފަށަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެ، ހީނަރުވެފައެވެ. ކުރީގެ ޒަމާންތަކުގައި އެމީހުން ފިނި މޫސުމުގައި ކަނޑު ގަނޑުފެނަށް ވުމުން އޭގެ މަތީގައި ހިނގާފައި ގޮސް، ގަނޑުފެން ފޫއަޅުވައިގެން މަސްވެރިކަން ކޮށް، ކުދިން ކުޅެ އުޅުނު މަންޒަރުތައް މިއަދު ފެންނަނީ ވަރަށް މަދުންނެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގައި ފެނުނު ފަދަ ފިނި، ގަނޑުފެނުން ފުރިގެންވާ މޫސުމެއް އޭނާގެ ދަރިންނަށް ދުވަހަކުވެސް ތަޖުރިބާކުރަން ނުލިބި، މުޅި މާހައުލު ބަދަލުވެގެން ހިނގައިދާނެތީއެވެ.


މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައިވަނީ ގްރީންލޭންޑްގެ ސަގާފީ ޝިކާރަވެރިންނަށާއި ކަނޑު މަސްވެރިންނަށެވެ. އެގޮތުން، ކަނޑުގެ ގަނޑުފެން ތުނިވެ އަވަހަށް ވިރެމުންދާތީ، ކުއްތާ އަރުވައިގެން ދުއްވާ ފިދަލި (ސްލެޖް) ތަކުގައި ދަތުރުކުރުމަށް ވަނީ ނުރައްކާތެރި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ބިމުގެ އަޑީގައި ޒަމާނުއްސުރެ ގަނޑުވެފައި ހުންނަ ދާއިމީ ގަނޑުފެނުގެ ފަށަލަ ނުވަތަ "ޕާމަފްރޮސްޓް" (permafrost) ވިރެމުންދިއުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ބައެއް އަވަށްތަކުގެ މަގުތަކަށާއި އިމާރާތްތަކުގެ ބިންގަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަނެއްކޮޅުން، ގަނޑުފެންތައް ވިރިގެން ދިއުމުގެ ސަބަބުން މީގެ 4،000 އަހަރު ކުރިން އެ ސަރަޙައްދުގައި ދިރިއުޅުނު އިންސާނުން ބޭނުންކުރި އާސާރީ ސާމާނުތައް ބިމުގެ އަޑިން ފެންނަން ފަށާފައިވާއިރު، ވައިގެ ނުފޫޒުން އެ ތަކެތި ހަލާކުވުމުގެ ބިރުވެސް އޮތީ ބޮޑުވެފައެވެ.


ފާއިތުވި 30 އަހަރުގެ ތެރޭގައި ގްރީންލޭންޑްގެ އައިސް ޝީޓުން ވިރިގެން ބޭރުވި ގަނޑުފެނުގެ މިންވަރު، އަލަށް އެޅުނު ސްނޯއަށް ވުރެ އެތައް ގުނައެއް އިތުރުކަން ސައިންސްވެރިންގެ ދިރާސާތަކުން ކަށަވަރުވެއެވެ. "މެޕިންގ މެމޮރީސް" މަޝްރޫޢު ހިންގާ ފަރާތްތަކުގެ އުންމީދަކީ އިތުރު އާންމުންގެ ވާހަކަތަކާއި ހަނދާންތައް އެއްކޮށް، މޫސުމީ ކާރިސާގެ ސަބަބުން ގެއްލިގެންދާ ސަގާފަތާއި ތާރީޚު، އިންޓަރެކްޓިވް ޑިޖިޓަލް ޗާޓުތަކެއްގެ ސިފައިގައި ރައްކާކޮށް، ދުނިޔޭގެ ސަމާލުކަމަށް މި މައްސަލަ ގެނައުމެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all