Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp

ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސާޖަނަކާއެކު ހަ މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސާޖަނަކާއެކު ހަ މީހުން ޝަހީދުވެއްޖެ
Photo: dawn.com
ތަފްޞީލް

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިސްރާއީލުން މިއަދު ފަތިހު ދިން ވައިގެ ހަމަލާއެއްގައި، އެ ހޮސްޕިޓަލުގެ ސާޖަނަކާއެކު މަދުވެގެން ހަ މީހުން ޝަހީދުވެ، އިތުރު 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.


ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގަޑިން މެންދަމު 1:00 އެހާކަންހާއިރު ދިން މި ހަމަލާ އަމާޒުވެފައިވަނީ ނާސިރު ހޮސްޕިޓަލުގެ 'އަލް-ޔާސީން' އިމާރާތުގެ ދެވަނަ ފަންގިފިލާގައި ހުންނަ ސާޖަރީ ޑިޕާޓްމަންޓަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 53 އަހަރުގެ ސާޖަން، ޑރ. ރިޒްގު އަބޫ ޝައިރާ ޝަހީދުވީ ބަލިމީހުންނަށް ފަރުވާ ދެއްވަން ހުންނަވަނިކޮށެވެ. މީގެ އިތުރުން، ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ނުކުޅެދުންތެރިކަން ހުންނަ ބަލިމީހަކުވެސް ހިމެނޭ ކަމަށާއި، ޒަޚަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ސިއްހީ ޚިދުމަތްތެރިން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.


ހަމަލާއާ ގުޅިގެން ހޮސްޕިޓަލުގެ ސާޖަރީ ވޯޑާއި އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރޮއިޓާސްއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަމަލާ އަމާޒުވި ކޮޓަރިތަކުގެ ސީލިންގް ވެއްޓި، އިމާރާތުގެ ބައިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޣައްޒާގެ ދެކުނު ސަރަހައްދުގައި މިވަގުތު ޚިދުމަތް ދެމުންދާ އެންމެ ބޮޑު މައި ހޮސްޕިޓަލަކީ ނާސިރު މެޑިކަލް ކޮމްޕްލެކްސް ކަމަށްވާއިރު، މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.


އަނެއްކޮޅުން، އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އެލާ ވަވޭޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނާސިރު ހޮސްޕިޓަލަށް ހަމަލާދިނީ ހަމާސް ޖަމާއަތުގެ އިސް ކޮމާންޑަރަކާއި އެ ޖަމާއަތުގެ ހަނގުރާމަވެރިން އެ ތަން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދާތީ ކަމަށެވެ. ނަމަވެސް މި ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް އިސްރާއީލުގެ އަސްކަރިއްޔާއިން ހުށަހަޅާފައެއް ނުވެއެވެ.


މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާ މެދުވެރިވެގެން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 1،622 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 74،600 އަށްވުރެ މައްޗަށް އަރާފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all