ގަޑިއަކު 350 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާއިރުވެސް ތެޅުމެއް ނެތް: ޗައިނާގެ ހައި-ސްޕީޑް ރޭލުތަކުގެ ޓެކްނޮލޮޖީއަށް ދުނިޔޭގެ ސަމާލުކަން!
ޗައިނާގެ ހައި-ސްޕީޑް ރެއިލްވޭ ނެޓްވޯކުގައި ދުއްވާ ބުލެޓް ރޭލުތައް ގަޑިއަކު 350 ކިލޯމީޓަރުގެ ދުވެލީގައި ދަތުރުކުރާއިރުވެސް، އެއްވެސް ވަރަކަށް ގުޑުމެއް ނުވަތަ އަޑުގަދަވުމެއް ނެތި އޮމާންކޮށް ދަތުރުކުރާ މަންޒަރުތަކާއެކު ބައިނަލްއަޤްވާމީ މީޑިއާތަކާއި ސޯޝަލް މީޑިއާގެ ސަމާލުކަން އެކަމަށް ވަނީ ހުއްޓިފައެވެ.
ޚާއްޞަކޮށް ޗައިނާގެ "ފޫޝިންގ" (Fuxing) ސީރީޒްގެ ރޭލުތަކުގައި ދަތުރުކުރާ މީހުން އާންމުކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޭލު އެންމެ ބާރަށް ދަތުރުކުރާ ވަގުތުވެސް ކުޑަނޫނީ މަތީގައި ފައިސާ ފޮއްޗެއް ކޮޅަށް ބެހެއްޓުމުން ނުވެއްޓި ހުރެއެވެ. އަދި ފެން ފުރާފައި ހުންނަ ތަށިތަކުން ފެން ތިއްކެއްވެސް ބޭރަށް ނުއޮއްސި ހުންނަކަން މީޑިއާ ރިޕޯޓްތަކުން ފާހަގަކުރެއެވެ.
🇨🇳 China's high-speed train travels at 350 km/h with barely any noise or vibration. https://t.co/d0xrRwT8u1
— BRICS News (@BRICSinfo) November 8, 2026
އިންޖިނިއަރިންގ ކްރޫން ފާހަގަކުރާ ގޮތުގައި، މިހާ ބާރުމިނުގައި ދަތުރުކުރާއިރުވެސް ރޭލުގެ އެތެރެއަށް އަޑާއި ގުޑުން ނުފޯރަނީ ޗައިނާއިން ބޭނުންކުރާ ޚާއްޞަ Seamless (ޖޮއިންޓްތައް ނުހުންނަ) ދަގަނޑު މަގުތަކާއި، ސެންސަރުތަކުން މޮނިޓަރކުރެވޭ އެޑްވާންސް އެއާ-ސަސްޕެންޝަން ސިސްޓަމްތަކުގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ހައި-ސްޕީޑް ރެއިލް ނެޓްވޯކް އޮންނަ ޗައިނާއިން މިހާރުވެސް ދަނީ މީގެ އިތުރަށް ދުވެލި ބާރު، ގަޑިއަކު 400 ކިލޯމީޓަރަށްވުރެ ބާރަށް ދުވޭ އައު މޮޑެލްތައް (CR450) ޓެސްޓުކުރަމުންނެވެ.
