ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: 3 މީހަކު ޝަރުތުތަކާއެކު ދޫކޮށްލައި، ސައިކަލު ދުއްވި ޒުވާނާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރުތުތަކާއެކު އިއްޔެ ބަންދުން ދޫކޮށްލައި، ފުލުސް އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެދިގެން ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައިވަނީ އާނޫފް ބިން މުހައްމަދު (21 އަހަރު) އާއި އަހްމަދު ސިނާޒް (30 އަހަރު) ގެ އިތުރުން އަހްމަދު މާއިޝް މުހައްމަދު މާހިރު (21 އަހަރު) އެވެ.
މި ތިން މީހުން ދޫކޮށްލަން ނިންމާފައިވަނީ، ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައިވަނީ އެ މީހުން ދުއްވި ސައިކަލުން ކަމަށް ނުވާތީއެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ތިން މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބަލައި، އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ އެއްވެސް ސަބަބެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ.
ނަމަވެސް، މި ހާދިސާގައި ފުލުސް މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން އަބްދުﷲ ސައްމާހް ހަސަން ސާދިގު (20 އަހަރު) ގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީއެވެ.
މި މައްސަލައިގައި ހިމެނޭ ހަތަރު މީހުންގެ މައްޗަށްވެސް ދައުވާ އުފުލައިދިނުމަށް އެދި ފުލުހުން ފޮނުވުމުން، ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ. މި އެންމެންގެ މައްޗަށްވެސް ކުރެވޭ މައިގަނޑު ތުހުމަތަކީ މަސްތުގެ ހާލަތުގައި ތިބެ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ނުރައްކާތެރި ގޮތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ.

