ފަތުރުވެރިކަމުގެ ސީޒަންފެށި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވަނީ
ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށި މަހުޖަނުންގެ ޖެޓުތައް ރާއްޖެއަށް މަޑުމަޑުން އަންނަން ފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް އެކި ދުވަސްވަރަށް ރާއްޖޭގެ އެއާޕޯޓުތަކަށް ޖެޓުތައް އާދެއެވެ. އެގޮތުން، މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށި، އަލުން ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ވަނީ އަންނަން ފަށާފައެވެ.
މިހާރު ވެސް ހަ ޖެޓު ވީއައިއޭގައި ޕާކުކޮށްފައި އެބައޮތެވެ. ޕީކް ސީޒަން ނޫނަސް މިއަހަރުގެ އޯގަސްޓުން ފެށިގެން ސެޕްޓެންބަރގެ ނިޔަލަށްވެސް ބައެއް ޖެޓް އެއަރޕޯޓްގައި ޕާރކްކޮށްފައި ވަނިކޮށް ފެނިފައި ވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތައް އިތުރުވަމުން ދިޔަވަރަކަށް އެއާޕޯޓަށް ވަންނަ އާމްދަނީ ވެސް އިތުރުވާނެއެވެ.
ރާއްޖެއަށް ދަތުރުތައް ބާއްވާ ކޮމާޝަލް އެއާލައިންގެ ދަތުރުތައް ވެސް މި ދުވަސްވަރާ ދިމާކޮށް އިތުރުވެ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާއިރު، މަޝްހޫރު ތަރިން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރާތްކުރެއެވެ.
ވީއައިއޭއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޕްރައިވެޓް ޖެޓުތައް ޖައްސައެވެ.
ރާއްޖެއަށް އަންނަ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް އިތުރުވާއިރު ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ރާއްޖެ ބޭރު ފައިސާއަށްޖެހި މިވަރުގެ ދަތި ދުވަސްވަރަކާ ދިމައެއް ނުވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގެ ތަކެތީގެ އަގުވެސް ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ.

