އެޕަލް ކުންފުނީގެ މެކްބުކް ޕްރޯއާ ވާދަކުރުމަށާއި، އޭއައި (Local AI) ހިންގުމަށް ޚާއްޞަކޮށްގެން މައިކްރޯސޮފްޓުން 2,599 ޑޮލަރުގެ އާ ސަރފޭސް ލެޕްޓޮޕް އުލްޓްރާ ނެރެފިއެވެ.

މި އަހަރުގެ ކުރީކޮޅު ދައްކާލި 15 އިންޗީގެ މި ލެޕްޓޮޕް ބާޒާރަށް ނެރޭނެ ތާރީޚާއި އަގު އިއްޔެ އިއުލާންކޮށްފައިވާއިރު، މިއީ އެޕަލްގެ 16 އިންޗީގެ މެކްބުކް ޕްރޯގެ އަގަށްވުރެ 400 ޑޮލަރު ހެޔޮ އަގެކެވެ. މި އުފެއްދުން މައިގަނޑުކޮށް އަމާޒުކޮށްފައިވަނީ އުފެއްދުންތެރި މަސައްކަތްތައް ކުރާ މީހުންނާއި ސޮފްޓްވެއަރ އުފައްދާ މީހުންނަށެވެ.
މައިކްރޯސޮފްޓުން ބުނާ ގޮތުގައި މިއީ "ބުރަ ކްރިއޭޓިވް މަސައްކަތްތަކާއި، ސޮފްޓްވެއަރ އުފެއްދުމާއި، އޭއައި، އިންޖިނިއަރިންގ އަދި ތުރީޑީ (3D) މަސައްކަތްތަކަށް" ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
މި ލެޕްޓޮޕްގައި ބޭނުންކޮށްފައިވަނީ އެންވިޑިއާގެ އާ އާރްޓީއެކްސް ސްޕާކް (RTX Spark) ޗިޕެކެވެ. މީގެ ތެރޭގައި 6,144 ކޯރ ހަމައަށް ހިމެނޭ އެންވިޑިއާ ބްލެކްވެލް ގްރާފިކްސް ކާޑަކާއި (GPU)، 20 ކޯރ ހަމައަށް ހިމެނޭ ގްރޭސް ސީޕީޔޫއެއް (CPU) ހިމެނެއެވެ.
މި ޑިވައިސްގައި 128 ޖީބީ (GB) އާއި ހަމައަށް ޔުނިފައިޑް މެމޮރީ ސަޕޯޓްކުރާއިރު، ހާޑްވެއަރ ހޫނުވިޔަނުދީ ހިފެހެއްޓުމަށް އާ ތަރމަލް ސިސްޓަމެއް ބޭނުންކޮށްފައިވެއެވެ. މި ޗިޕަކީ އާމް (Arm) އާކިޓެކްޗަރއަށް ތައްޔާރުކޮށްފައިވާ އެއްޗަކަށްވާތީ، މި ލެޕްޓޮޕް ހިންގަނީ މައިކްރޯސޮފްޓްގެ ޕްރިޒަމް (Prism) އެމިއުލޭޝަން މެދުވެރިކޮށް، އާދައިގެ އެޕްލިކޭޝަންތައްވެސް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ ވިންޑޯޒް އޮން އާމް (Windows on Arm) އޮޕަރޭޓިންގ ސިސްޓަމްގައެވެ.
މައިކްރޯސޮފްޓުން ބުނާ ގޮތުގައި މިއީ މިހާތަނަށް އެ ކުންފުނިން ނެރުނު އެންމެ ބާރުގަދަ ނޯޓްބުކެވެ. މިއީ ސަރފޭސް ސީރީޒްގައި ބޭނުންކުރި އެންމެ އަލިގަދަ އަދި އެންމެ ސާފު ޑިސްޕްލޭއެވެ. މީގެ އެޗްޑީއާރް އަލިކަން (HDR Brightness) އެޕަލްގެ އެމް5 (M5) މެކްބުކް ޕްރޯއަށްވުރެ 25 އިންސައްތަ އިތުރެވެ. މިއީ Touchscreen mini-LED ޑިސްޕްލޭއެއް ކަމުން އިނގިލިން ތާޗްކޮށްގެން ބޭނުންކުރެވުނު ނަމަވެސް، ޑިޖިޓަލް ގަލަން (Pen) ސަޕޯޓެއް ނުކުރެއެވެ.
މި ލެޕްޓޮޕަކީ އެޕަލްގެ 16 އިންޗީގެ މެކްބުކަށްވުރެ ލުއި، ބޮޑު ހެޕްޓިކް ޓްރެކްޕެޑެއް (Haptic Trackpad) ހިމެނޭ އަދި ސްޓޯރޭޖް އިތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މައިކްރޯސޮފްޓުން ވަނީ އެޕަލްގެ މެގްސޭފް (MagSafe) އާ އެއްގޮތަށް ދަމާބާރު ހުންނަ 'މެގްނެޓިކް ކަނެކްޓް' (Magnetic Connect) ޗާޖިންގ ސިސްޓަމްވެސް ހިމަނާފައެވެ. މައިކްރޯސޮފްޓުން ބުނާ ގޮތުގައި މިއީ ދުނިޔޭގައި ލެޕްޓޮޕެއްގައި ހިމެނޭ ފުރަތަމަ ބިލްޓް-އިން މެގްނެޓިކް ޔޫއެސްބީ-ސީ (USB-C) ޗާޖިންގ ސިސްޓަމެވެ. މީގެ އިތުރުން 3 ޔޫއެސްބީ-ސީ ޕޯޓާއި، ޔޫއެސްބީ-އޭ ޕޯޓަކާއި، އެޗްޑީއެމްއައި (HDMI) ޕޯޓެއްގެ އިތުރުން އެސްޑީ ކާޑު ރީޑަރަކާއި ހެޑްފޯން ޖެކެއް ހިމެނެއެވެ.
މި ލެޕްޓޮޕްގެ އިތުރުން، މެކް ސްޓޫޑިއޯ އަދި މެކް މިނީ ފަދަ ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކާ ވާދަކުރުމަށް މައިކްރޯސޮފްޓުން ވަނީ 5,999 ޑޮލަރުގެ 'ސަރފޭސް އާރްޓީއެކްސް ސްޕާކް ޑެވް ބޮކްސް' (Dev Box) އިއުލާންކޮށްފައެވެ. އެންވިޑިއާ ޗިޕް ހިމެނޭ މި ޑިވައިސްއަކީ 120 މިލިއަން ޕެރާމީޓަރުގެ ބޮޑެތި އޭއައި މޮޑެލްތައް ހިންގޭ، ނުހަނު ބާރުގަދަ އޭއައި ޕާފޯމަންސެއް ފޯރުކޮށްދޭ އެއްޗެކެވެ.
އެޕަލްގެ މެކްބުކް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން މައިކްރޯސޮފްޓަށް ބަދަލުވާން ބޭނުންވާ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއްވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ބޭނުންކުރަމުންދާ މެކްބުކް ދީފައި އާ ސަރފޭސް ލެޕްޓޮޕެއް ގަންނައިރު 1,000 ޑޮލަރާ ހަމައަށް ފައިސާގެ އިނާޔަތެއް (Cashback) ލިބޭނެއެވެ. މި ލެޕްޓޮޕް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 16 ގައެވެ.
"މިއަދުގެ ކްރިއޭޓަރުންނާއި ސޮފްޓްވެއަރ އުފައްދާ ފަރާތްތަކުން ސަރފޭސް ލެޕްޓޮޕް އުލްޓްރާގެ ފުރިހަމަކަން ތަޖުރިބާކޮށްލުމުން، އެބޭފުޅުން އެނބުރި ކުރީގެ ޑިވައިސްތަކަށް ނުބަލާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް،" މައިކްރޯސޮފްޓްގެ ވެބްސައިޓުގައިވެއެވެ.
މި ލެޕްޓޮޕް ސީދާ ވާދަކުރާނީ އެޕަލްއިން ކުރިއަށް އޮތް ތަނުގައި ނެރުމަށް ރޭވިފައިވާ އޯއެލްއީޑީ (OLED) މެކްބުކް އަލްޓްރާއާއެވެ. އެ މެކްބުކްގައިވެސް Touchscreen އާއި، އާ އެމް5 ޕްރޯ އަދި އެމް5 މެކްސް ޗިޕްތަކުގެ އިތުރުން މިހާރަށްވުރެ ތުނި އަދި ލުއި ޑިޒައިނެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.
