އަސްކޮއި އުމުރާ ގްރޫޕުން 109 މީހަކަށް މަކަރުހެދި މައްސަލާގެ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވައިފި
އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު އަސްކޮއި ގްރޫޕުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައަކީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ހިންގި މުއާމަލާތްތަކަކާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމަށެވެ.
މި އަހަރުގެ ޖުލައި 16 ވަނަ ދުވަހު ރަސްމީކޮށް ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ބުދަ ދުވަހުގައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށް ޖުމްލަ 109 މީހަކު ފައިސާ ދެއްކިއެވެ. އަދި އެ މީހުން ދެއްކި ފައިސާއަށް ކުންފުނިން ޚިޔާނާތްތެރި ވެފައިވާކަން ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މިގޮތުން ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ އަދަދު 2,660,300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ) ރުފިޔާއަށް އަރައެވެ.
އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފުރޭ ގޮތް ނުވެ، އެތައް ބަޔަކަށް މަކަރުހެދި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އުމްރާއަށް ގެންދާނެ ކަމަށް ބުނެ އެ ކުންފުނިން ލަނޑުދިން ގދ. ތިނަދޫގެ ހަ މީހުންގެ އާއިލާއަކަށް ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ވެސް މިއަހަރުގެ ފެބުރުއަރީ މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި އަސްކޮއި ޓްރެވަލްއާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ދައުވާކުރުމުން، ދެ އަހަރު ދުވަހުގެ ތެރޭގައި މަހަކު ގާތްގަނޑަކަށް 6,500 ރުފިޔާގެ މަގުން ޖުމްލަ 155,700 ރުފިޔާ ދައްކައި ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
މިފަދަ މައްސަލަތައް މަދުންނަމަވެސް ރާއްޖޭގައި އަންނަނީ ހިނގަމުންނެވެ.
