އެމްޕީއެލް އިން ޑޮލަރުން ފީ ނަގާތީ ދިވެހި ވިޔަފާރިވެރިންގެ ކަންބޮޑުވުން
ރާއްޖޭގައި ކުރާ ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރުތަކަށް އަންނަ އާގުބޯޓުތަކުން ނަގާ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ދިވެހި ވިޔަފާރިތަކުން ފާޅުކުރަން ފަށައިފިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމަށްފަހު އެޕްރީލް 2024، ގައި ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށި އެވެ. އެމްޕީއެލްއިން އެ ބަދަލު ގެނައުމާ ހަމައަށް އެ ފީތައް ވިޔަފާރިތަކުން ނަގަމުން ދިޔައީ ރުފިޔާއިންނެވެ.
"ސްޓިވަޑޯރިން އަކީ ޖީއެސްޓީވެސް ޗާޖު ކުރާ ލޯކަލް ހިދުމަތެއް. ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރަން ބާރުއަޅާއިރު، އެމްޕީއެލްއަށް ޑޮލަރުން ލޯކަލް ހިދުމަތަކަށް ފީ ނެގިދާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި، ކުއްލި ގޮތަކަށް މިބަދަލު ގެންނަން ޖެހޭ މުހިންމު އެއްވެސް ސަބަބެއް އެމްޕީއެލްއަށް ދެއްކިފައި ނުވާކަމަށް އާންމު ވިޔުަފާރިވެރިން ބުނަމުންދެއެވެ.
ޑޮލަރުން ފީ ދައްކަން މަޖުބޫރުވުމާއެކު މުދާ ގެންނަ ވިޔަފާރިތަކުން ވެސް އެޖެންޓުންނަށް ފައިސާ ދައްކަން ޖެހިފައިވަނީ ޑޮލަރުންނެވެ. އޭގެ ސަބަބުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް އަންނަނީ ގެއްލުންވަމުންނެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގައި ވަކި ހާއްސަ ހުއްދަ ހާލަތްތަކެއްގައި މެނުވީ ރާއްޖޭގައި ހިންގާ ހުރިހާ މާލީ މުއާމަލާތެއް ކުރަން ޖެހެނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް އެފަދަ ހާލަތެއް ނެތި އެމްޕީއެލް އިން އެގެނައި ބަދަލަކީ ވިޔަފާރިތަކަށް އެމްޕީއެލް އިން ކުރި އުނދަގުލެއް ކަމަށް ވިޔާފާރިވެރިންނާ އޭޖެންޓުން ބުނެ އެވެ.
