އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ކުރިއެރުން؛ ތެލުގެ އަގު ދަށްވެ ބާޒާރުތަކަށް ހިތްހަމަޖެހުމެއް.
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމަށް ޙައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކުގައި "އެދެވޭ ކުރިއެރުންތަކެއް" ލިބެމުންދާ ކަމަށާއި، އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ޙަމަލާތަކެއް ދިނުމަކީ "ނުވާނެ ކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވަޝިންގޓަންގައި ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާއެކު ބޭއްވި މުހިންމު ބައްދަލުވުމަކަށްފަހު، ޓްރަމްޕް ވިދާޅުވީ އީރާނާއެކު ހިނގަމުންދިޔަ ކުރިމަތިލުންތައް އަސްކަރީ ގޮތުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ މަޞްލަޙަތުތައް ރައްކާތެރިކުރުމަށްޓަކައި އަސްކަރިއްޔާ އޮތީ ތައްޔާރީ ޙާލަތުގައި ކަމަށްވެސް އެމަނިކުފާނު [ރައީސް ޑޮނަލްޑް ޓްރަމްޕް] ވަނީ ވިދާޅުވެފައެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ހޯރްމުޒް ކަނޑުއޮޅި (Strait of Hormuz) އަލުން ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި އެޤައުމާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސުލްޙަވެރި ޙައްލެއް ނުވަތަ ސިޔާސީ މަޝްވަރާގެ ތެރެއިން ނިންމުމެއް ހޯދުމެވެ.
