އެމްއެމްއޭއިން ހއ.އަތޮޅުގެ ބައެއް ރަށްރަށުގައި މާލީގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ހިންގައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހއ. އަތޮޅުގެ 6 ރަށެއްގައި ކުރިއަށް ގެންދިޔަ "ފިންލިޓް ފެސްޓް" ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހައި ފުޅާ ދާއިރާއެއްގައި މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
މި ދަތުރުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވެސް އެމްއެމްއޭގެ ޓީމާއެކު މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ހަރަކާތްތައް ފަށާފައިވަނީ ހއ. ދިއްދޫގައެވެ. ދިއްދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން 'ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވެއެވެ.
މި ހަވީރުގައި ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ބަހައްޓާފައި ވެއެވެ. މިސްޓޯލްގައި އެންމެ ކުރީ ޒަމާނުއްސުރެ ރާއްޖޭގައި ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނެހެން ބަހައްޓާފައިވެއެވެ.
އަދި މާލީ މެސެޖތައް ލިބޭ ކަހަލަ ގޭމްސްތަކާއި ތަފާތު ކުޅިވަރުތަކާއި ފޭސް ޕެއިންޓިގްގެ އިތުރުން ހަދިޔާއެއްގެ ގޮތުން ގިފްޓް ކާޑުތައް ބަހާފައިވެއެވެ.
ދިއްދޫގެ ކުޑަކުދިންގެ ހަވީރަށްފަހު އެ ރަށުގައި އަންހެނުންނަށް ޚާއްސަކޮށްގެން ފޯކަސްގްރޫޕް ޑިސްކަޝަނެއް ވަނީ ބާއްވާފައެވެ. ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ކުރިއަށް ގެންދެވި މި ސެޝަންގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކާއި، ވަކިން ޚާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މިހިނގާ ނޮވެމްބަރު މަހުގެ 20 އިން 22 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއެމްއޭގެ ޓީމުން ވަނީ ހއ. ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމު ފަރުދުންނަށާއި ސްކޫލް ދަރިވަރުންނަށް ގިނަގުނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އަދި ދިއްދޫގެ ހަރަކާތްތައް ނިންމައިލީ 21 ނޮވެންބަރުގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނަކުންނެވެ.

