ހައުސް އޮފް ސައުދު، ނުވަވަނަބައި؛ ރަސްގެފާނު ޢަބްދުލްޢަޒީޒުން ޒަމާނީ ސަޢޫދީ ޢަރަބިއްޔާއާ ހަމައަށް | 1953–2026
1953 ވަނަ އަހަރު ނޮވެމްބަރު 9 ވަނަ ދުވަހު، ޒަމާނީ ސަޢޫދީ ޢަރަބިއްޔާގެ ބާނީ، ރަސްގެފާނު ޢަބްދުލްޢަޒީޒު ބިން ޢަބްދުއްރަޙްމާން އާލް ސަޢުދު އަވަހާރަވިއެވެ. އެއާއެކު ސަޢޫދީ ތާރީޚުގެ މުހިންމު އެއް މަރުޙަލާއެއް ނިމި، އާ މަރުޙަލާއެއް ފެށުނެވެ. މިއީ އެ ގައުމުގައި ގާއިމްކުރި ރަސްގެފާނުގެ ވެރިކަން ނިމި، އޭނާގެ ދަރިންގެ ވެރިކަން ފެށުނު ދުވަސްކޮޅެވެ.

ޢަބްދުލްޢަޒީޒު ރަސްގެފާނުގެ ފަހުން ފުރަތަމަ ރަސްކަމަށް އައީ އޭނާގެ ދަރިފުޅު ސަޢުދު ބިން ޢަބްދުލްޢަޒީޒެވެ. ސަޢުދު ރަސްގެފާނު 1953 އިން 1964 އަށް ވެރިކަން ހިންގެއްވިއެވެ. މި ޒަމާނުގައި ތެލުގެ އާމްދަނީ އިތުރުވެ، ސަރުކާރުގެ ޚިދުމަތްތައް ފުޅާވަމުން ދިޔައެވެ. ނަމަވެސް، މާލީ ދަތިތަކާއި ޝާހީ ޢާއިލާގެ ތެރޭގައި އުފެދުނު ބާރުގެ ދެބަސްވުންތަކުގެ ސަބަބުން، 1964 ވަނަ އަހަރު ސަޢުދު ރަސްގެފާނު ވެރިކަމުން ވަކިކުރެވުނެވެ.
އެއަށްފަހު 1964 ވަނަ އަހަރު ފައިޞަލް ބިން ޢަބްދުލްޢަޒީޒު ރަސްކަމަށް އައެވެ. ފައިޞަލް ރަސްގެފާނުގެ ވެރިކަމުގެ ޒަމާނަކީ ސަޢޫދީގެ އިދާރީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިއްމު ޒަމާނެކެވެ. އޭނާގެ ވެރިކަމުގެ ދަށުގައި ތަޢުލީމީ ނިޒާމާއި، ޞިއްޙީ ޚިދުމަތާއި، ސަރުކާރުގެ އިދާރީ އޮނިގަނޑު ފުޅާކުރުމަށް ސަމާލުކަން ދެވުނެވެ. އަދި އިސްލާމީ ދުނިޔޭގައި ސަޢޫދީގެ ސިޔާސީ ނުފޫޒު އިތުރުކުރުމަށްވެސް މަސައްކަތް ކުރެވުނެވެ.
1973 ވަނަ އަހަރު މެދުއިރުމަތީގައި ހިނގި ހަނގުރާމައާ ގުޅިގެން ތެޔޮ އެކްސްޕޯޓްކުރުމަށް ގެނައި ފިޔަވަޅުތަކުގައި ފައިޞަލް ރަސްގެފާނުގެ ސަރުކާރުގެ ދައުރު މުހިންމެވެ. އެ ޙާދިސާއިން ދުނިޔޭގެ ތެޔޮގެ ބާޒާރަށް ބޮޑު އަސަރެއް ކުރިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަޤްވާމީ މަޤާމު ބަދަހިވުމަށްވެސް އެހީވިއެވެ. ނަމަވެސް، 1975 ވަނަ އަހަރު ފައިޞަލް ރަސްގެފާނަށް ޝާހީ ޢާއިލާގެ މެމްބަރަކު އަމާޒުކުރި އުންޑެއްގެ ސަބަބުން އަވަހާރަވިއެވެ.
ފައިޞަލް ރަސްގެފާނުގެ ފަހުން ރަސްކަމަށް އައީ ޚާލިދު ބިން ޢަބްދުލްޢަޒީޒެވެ. ޚާލިދު ރަސްގެފާނު 1975 އިން 1982 އަށް ވެރިކަން ހިންގެއްވިއެވެ.

ނަމަވެސް، 1979 ވަނަ އަހަރަކީ ސަޢޫދީގެ ސިޔާސީ އަދި މުޖުތަމަޢީ ތާރީޚުގައި އެނެއްކާވެސް މުހިއްމު ބަދަލެއް އައި އަހަރެކެވެ. އެ އަހަރު މައްކާގެ މަސްޖިދުލް ޙަރަމް އަތުލައިގަތް ވަކިވެގަނެގެން އުޅޭ ގްރޫޕެއްގެ ސަޢޫދީ ސަރުކާރަށް އަމާންކަމާއިގުޅޭ ބޮޑު ގޮންޖެހުމެއް ކުރިމަތިވިއެވެ. އެ ޙާދިސާއާއި އެ ޒަމާނުގެ އެހެން ދީނީ އަދި ސިޔާސީ ބަދަލުތަކުގެ ފަހުން، ސަޢޫދީ މުޖުތަމަޢުގައި ދީނީ ޤަވާޢިދުތައް އިތުރަށް ހަރުދަނާކުރުމުގެ ސިޔާސަތުތައް އިތުރުވެގެން ދިޔައެވެ.
1982 ވަނަ އަހަރު ފަޙްދު ބިން ޢަބްދުލްޢަޒީޒު ރަސްކަމަށް އައެވެ. ފަޙްދު ރަސްގެފާނު 2005 އަށް ވެރިކަން ހިންގެއްވިއެވެ. އޭނާގެ ޒަމާނުގައި ސަޢޫދީގައި ޚިދުމަތްތައް އިތުރަށް ފުޅާވެ، މައްކާއާއި މަދީނާގެ މުޤައްދަސް މިސްކިތްތައް ފުޅާކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުނެވެ. 1986 ވަނަ އަހަރު ފަޙްދު ރަސްގެފާނު ވަނީ ޚާދިމުލް ޙަރަމައިން އައްޝަރީފައިން، ނުވަތަ ދެ މުޤައްދަސް މިސްކިތުގެ ޚާދިމު، މި ލަޤަބު ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.
1990 ވަނަ އަހަރު ޢިރާޤުން ކުވެއިތު އަތުލައިގަތުމާއެކު، މެދުއިރުމަތީގެ އަމްނުއަމާނަށް ބޮޑު ނުރައްކަލެއް ކުރިމަތިވިއެވެ. ސަޢޫދީ ޢަރަބިއްޔާ ވަނީ އެމެރިކާއާއި އެހެނިހެން ދައުލަތްތަކުގެ ލަޝްކަރުތަކަށް އެ ގައުމުގައި ތިބުމަށް ހުއްދަ ދީފައެވެ. މި ފިޔަވަޅު ސަބަބުން ސަޢޫދީގެ އަމްނުއަމާނާއި ބޭރުގެ ސިޔާސަތަށް މުހިއްމު އަސަރެއް ކުރިއެވެ. އަދި އެ ފިޔަވަޅުތަކަށް އެ ގައުމުގެ އެތެރެއިންނާއި ބޭރުން ތަފާތު ރައުޔުތައް ފާޅުވިއެވެ.
2005 ވަނަ އަހަރު ޢަބްދުالله ބިން ޢަބްދުލްޢަޒީޒު ރަސްކަމަށް އައެވެ. އޭނާ 2015 އާއި ހަމއަށް ވެރިކަން ހިންގެއްވިއެވެ. މި ޒަމާނުގައި ތަޢުލީމާއި، ޞިއްޙަތާއި، އިޤްތިޞާދީ ތަރައްޤީއަށް ބޮޑު ސަމާލުކަން ދެވުނެވެ. އަދި ބޭރު ޤައުމުތަކުގައި ތަޢުލީމް ޙާޞިލުކުރުމަށް ސަޢޫދީ ދަރިވަރުން ފޮނުވުމުގެ ބޮޑު ސްކޮލަރޝިޕް ޕްރޮގްރާމުތައް ފުޅާކުރެވުނެވެ. އަދި އަންހެނުންގެ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް މަޑުމަޑުން ފުޅާވަމުން ދިޔައެވެ.
2015 ވަނަ އަހަރު ސަލްމާން ބިން ޢަބްދުލްޢަޒީޒު ރަސްކަމަށް އައެވެ. މި ޒަމާނުގައި ސަޢޫދީގެ ސިޔާސީ އަދި އިޤްތިޞާދީ ސިޔާސަތުތަކުގައި ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. 2017 ވަނަ އަހަރު މުޙައްމަދު ބިން ސަލްމާން ވަނީ ވަލީއަހުދުކަމަށް ހޮވިފައެވެ. ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ވަޒީރުންގެ މަޖިލީހުގެ ރައީސްކަމަށްވެސް ހޮވިފައެވެ.
2016 ވަނަ އަހަރު ސަޢޫދީ ސަރުކާރުން ވަނީ ވިޝަން 2030 (Vision 2030) ނަމުގައި ބޮޑު ޤައުމީ ތަރައްޤީގެ ޕްލޭނެއް އިޢުލާންކޮށްފައެވެ. މި ޕްލޭނުގެ މައިގަނޑު މަޤްޞަދަކީ ތެލުގެ އާމްދަނީއަށް ބަރޯސާވާ މިންވަރު މަދުކޮށް، އިޤްތިޞާދުގެ އެހެނިހެން ދާއިރާތައް ފުޅާކުރުމެވެ. މިގޮތުން ފަތުރުވެރިކަމާއި، ޓެކްނޮލޮޖީއާއި، ޞިނާޢަތާއި، އެހެނިހެން އިޤްތިޞާދީ ދާއިރާތައް ތަރައްޤީކުރުމަށް ސަމާލުކަން ދެވުނެވެ.
މި ބަދަލުތަކާއެކު ސަޢޫދީ މުޖުތަމަޢުގައިވެސް ބޮޑެތި ބަދަލުތަކެއް އައެވެ. 2018 ވަނަ އަހަރު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ލިބުނެވެ. އަދި ފިލްމު ތިއޭޓަރުތައް އަލުން ހުޅުވި، ފަތުރުވެރިކަމާއި އެންޓަޓެއިންމަންޓްގެ ދާއިރާތައް ފުޅާވުނެވެ. އަންހެނުންގެ ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވިއެވެ. ނަމަވެސް، މި ބަދަލުތަކާއެކު ސިޔާސީ ހުރަސްތަކާއި، އިންސާނީ ޙައްޤުތަކާއި، ބަސްބުނުމުގެ ހައްގުތަކާއި ބެހޭ ގޮތުން ހުރި ނުތަނަސްކަން އޮތެވެ.

ނަމަވެސް، ސަޢޫދީގެ ވެރިކަމުގެ އަސާސީ އޮނިގަނޑު އަދިވެސް ބިނާވެފައި އޮތީ ޝާހީ ޢާއިލާގެ ވެރިކަމާއި އިސްލާމީ ދީނުގެ މައްޗަށެވެ. އެ ގައުމުގައި ވެރިކަން ހިނގަނީ އާލް ސަޢުދުގެ ޝާހީ ޢާއިލާއިންނެވެ. އަދި ޤާނޫނީ އަދި އަދަލު އިންސާފުގެ ނިޒާމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު މުހިއްމެވެ.
މިއަދު ސަޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގެ ތެޔޮ އުފައްދާ އަދި އެކްސްޕޯޓްކުރާ މުހިއްމު ދައުލަތެކެވެ. އަދި ޖީ-20 (G20) ގެ މެމްބަރަކަށްވެސް ވެފައިވެއެވެ. މައްކާއާއި މަދީނާ ހިމެނޭ ޤައުމެއްކަމުން އިސްލާމީ ދުނިޔޭގައިވެސް އެ ގައުމަށް ޚާއްޞަ އިސްކަމެއް ލިބިފައިވެއެވެ. އެއާއެކު މެދުއިރުމަތީގެ ސިޔާސަތާއި، ދުނިޔޭގެ ހަކަތައިގެ ބާޒާރާއި، ބައިނަލްއަޤްވާމީ ގުޅުންތަކުގައި ސަޢޫދީގެ ދައުރު މުހިއްމެވެ.
އެކަމަކު، ސަޢޫދީގެ މުސްތަޤްބަލަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މަދު ނޫނެވެ. ތެލުގެ އާމްދަނީއަށް ބަރޯސާވާ މިންވަރު މަދުކުރުމާއި، އާ ވަޒީފާތައް އުފެއްދުމާއި، ތަޢުލީމުގެ ފެންވަރު އިތުރުކުރުމާއި، މާޙައުލު ރައްކާކުރުމާއި، ސިޔާސީ އަދި އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތަކަކީ މުހިއްމު ގޮންޖެހުންތަކެކެވެ. މި މައްސަލަތައް ޙައްލުކުރެވޭ މިންވަރަކީ އެ ގައުމުގެ ދިގު މުއްދަތުގެ ތަރައްޤީއަށް އަސަރުކުރާނެ ކަމެކެވެ.
