ދިވެހިރާއްޖޭގެ ސޯޝަލް ހައުސިންގެ ނިޒާމު: މި ނިޒާމުގެ މަންފާ ލިބެނީ ކޮންބަޔަކަށް؟
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (HDC) ގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ކުރިން ދުވަހަކު ދެއްވި މަޢުލޫމާތަކަށް ބަލާއިރު، އެޗް.ޑީ.ސީ.ގެ ބެލުމުގެ ދަށުގައިވާ 12,000 އަށްވުރެ ގިނަ ފްލެޓްތަކުގެ 50 އިންސައްތަ ފްލެޓްގެ ކުލި ގަވާއިދުން ދައްކަމުން ނުގެންދާކަމާއި، ގިނަ ފްލެޓްތަކުން އެއްވެސް ގޮތަކަށް ކުލި ދައްކާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ، ނިޒާމީ ބޮޑު މައްސަލައެކެވެ.
ސޯޝަލް ހައުސިންގްއަކީ ކޮބާ؟
ސޯޝަލް ހައުސިންގްއަކީ ބޯހިޔާވެހިކަން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް، އަމިއްލައަށް ބޯހިޔާވެހިކަމެއް ހޯދަން ކުރިމަތިލާންޖެހޭ ދަތިތައް ހައްލުކޮށް އެފަދަ ފަރާތްތަކަށް ފަސޭހަ އަދި އަގުހެޔޮ ގޮތެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިމުގެ ގޮތުން ހިންގާ ސްކީމަކަށް ކިޔާނަމެކެވެ. ސޯޝަލް ހައުސިންގގެ އަސާސީ މަޤްޞަދަކީ، ގެދޮރު ބޭނުންވާ، އަދި މާލީ ގޮތުން ދަތިވާ މީހުންނަށް އަގު ހެޔޮ ގެދޮރު ހޯދައިދިނުމެވެ. ނަމަވެސް، ރާއްޖޭގައި މިހިންގާ ސޯޝަލް ހައުސިންގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ސަބަބުން މި ނިޒާމުން ފައިދާ ލިބެންޖެހޭ ފަރާތްތައް އެކަހެރިވެ، އެހެން ފަރާތްތަކަށް ނުހައްގު ފައިދާތަކެއް ލިބެއެވެ.

1. ސޯޝަލް ހައުސިންގ ލިބެނީ ހަމައެކަނި އެއަށް ޙައްޤުވާ މީހުންނަށްތަ؟
މިހާރުގެ ސޯޝަލް ހައުސިންގ ނިޒާމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ސޯޝަލް ހައުސިންގް ދޫކުރެވެނީ ހަމައެކަނި ގެދޮރު ބޭނުންވާ މީހުންނަށްކަން ޔަޤީންކުރުވޭނެ އެކަށޭނެ ނިޒާމެއް ނެތުމެވެ. ސޯޝަލް ހައުސިންގްއަށް އެދޭ މީހުންގެ އާމްދަނީއާއި، މުދަލާއި، އާއިލީ ޙާލަތާއި، ގެދޮރުވެރިކަމާއި އަދިވެސް މިނޫންކަންކަން ދެނެގަންނާނެ މިންގަނޑުތަކާއި އެކަންކަން ވެރިފައިކުރާނެ މައުލޫމާތު ދައުލަތުގައި ނެތެވެ. މިސާލަކަށް ބަލާނަމަ މީހަކު މާލޭގައި އުޅުނު މުއްދަތު، ދައުލަތުގެ ވަޒީފާ އަދާ ކުރާފަރާތްތަކުގެ ޕެންޝަންގެ މައުލޫމާތުން ވެރިފައިކުރެވުނަސް އެނޫން ގޮތްގޮތަށް މަސައްކަތްކުރާ ފަރާތްތަކުގެ މައުލޫމާތު ދައުލަތަށް ވެރިފައިކުރެވޭނެ އެއްވެސް ގޮތެއް ނުހުރެއެވެ. ހަމަމިގޮތަށް އެމީހަކަށް ލިބޭ އާމްދަނީވެސް ޔަގީންކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތެވެ. މިފަދައިން މިކަން އޮތްއިރު މީހަކު ފޯމެއް ފުރުމުން ނުވަތަ ހުށަހަޅާ ލިޔެކިޔުމަކަށް ބިނާކޮށް އެ މީހަކީ ގެދޮރު ބޭނުންވާ މީހެއްކަމަށް ނިންމައި، ސޯޝަލް ހައުސިން ޔުނިޓް ދޫކުރުމުގެ ސަބަބުން، ހައްގުވާ ފަރާތްތައް ބާކީވެ، ސޯޝަލް ހައުސިންގް ލިބެންނުޖެހޭ އެތަކެއް ފަރާތަކަށް ސޯޝަލް ހައުސިންގް ލިބިފައި އެބަހުއްޓެވެ. ސޯޝަލް ހައުސިން ދޫކުރުމުގެ މިންގަނޑުތަކަކީ ހާމަކަންބޮޑު، އިންސާފުވެރި އަދި ހަގީގީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ މިންގަޑުތަކަށްވުން މުހިންމެވެ.
2. ސަބްސިޑީގައި ދޫކުރާ ފްލެޓްތައް ވިޔަފާރީގެ ވަސީލަތަކަށް ވަނީތަ؟
ސޯޝަލް ހައުސިންގ ނިޒާމުގެ އަނެއް ބޮޑު މައްސަލައަކީ، ފްލެޓް ލިބުނު މީހާ އެ ފްލެޓުގައި ދިރިއުޅޭކަން ޔަޤީންކުރުމަށް އެކަށޭނެ މޮނިޓަރިންގ ނިޒާމެއް ނެތުމެވެ. މަހަކު 5,000 ރުފިޔާއަށްވުރެ ދަށް ކުއްޔަކަށް ދޫކުރެވޭ ފްލެޓްތައް 15,000 އާއި 18,000 ރުފިޔާއަށް ކުއްޔަށް އެހެން ފަރާތްތަކަށް ދޫކުރެވޭކަމީ ސޯޝަލް ހައުސިންގް ތެރޭގައި ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ. މިއީ ސަބްސިޑީގައި ލިބުނު ފްލެޓެއް، އެއަށްވުރެ ތިން ނުވަތަ ހަތަރު ގުނަ އަގަކަށް ކުއްޔަށް ދޫކޮށް ފައިދާ ހޯދުމެވެ. ފްލެޓް ލިބެންޖެހޭނެމަކަށް ސަރުކާރުން ކަނޑައެޅި ފަރާތް ފްލެޓް ކުއްޔަށް މިދެނީ ފްލެޓަށް ޝަރުތުހަމަނުވާކަމަށް ސަރުކާރުން ކަނޑައެޅި ފަރާތަށެވެ. މިއީ ސޯޝަލް ހައުސިންގެ އަސާސީ މަޤްޞަދާ ފުށުއަރާ ކަމެކެވެ. އެހެންވެ، ފްލެޓްތަކުގައި ދިރިއުޅެނީ އެ ފްލެޓްތައް ލިބުނު ފަރާތްކަން ކަށަވަރުކުރަންޖެހެއެވެ. އަދި ކުއްޔަށް ދޫކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިއްމެވެ.
މަހަކު 5,000 ރުފިޔާއަށްވުރެ ދަށް އަގަކަށް ދޫކުރާ ފްލެޓެއް 15,000 އާއި 18,000 ރުފިޔާއަށް ކުއްޔަށް ދޫކުރުމަކީ ހަމައެކަނި އެ ފްލެޓް ލިބުނު މީހާއާ ގުޅޭ މައްސަލައެއް ނޫނެވެ. މިގޮތަށް ކުއްޔަށް ދިނުމުން މާކެޓުގައި، އަމިއްލަ ގެދޮރު ކުއްޔަށް ދޭ ޕްރައިވެޓް ޕާޓީތަކުންވެސް އެ އަގުތަކަށް ކުލި ހަމަޖައްސައިގެން ކުއްޔަށްދޭން ފަށައެވެ. މިހެންވުމުން މާކެޓުގެ ކުލި އިތުރަށް އުފުލި، މިކަމުގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހެނީ އެއްކަލަ ފްލެޓަށް ޝަރުތު ހަމަނުވި، ކުޑަ އާމްދަނީއެއް ލިބޭ ނިކަމެތި ފަރާތްތަކެވެ.
3. ކުލިނުދައްކާ އަދަދު 700 މިލިއަނުން މައްޗަށް؟
ފްލެޓްތަކުގެ ކުއްޔަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ނުދައްކާކަމީ މިނިޒާމުގައި އޮތް އަނެއް ބޮޑު މައްސަލައެވެ. 700 މިލިއަން ރުފިޔާއަކީ މަދު އަދަދެއްގެ ފައިސާއެއް ނޫނެވެ. މިއީ ރައްޔިތުންނަށް ދޭންޖެހިފައިވާ ހިދުމަތްތަކުގެ ތެރެއިން އެތަކެއް ހިދުމަތެއް ފުރިހަމަކޮށްދިނުމަށް ބޭނުންކުރެވިދާނެ އަދަދެއްގެ ފައިސާއެވެ. މިވަރުގެ އަދަދަކުން ސޯޝަލް ހައުސިންގް ބޭނުންވާ އެތަކެއް އާއިލާތަކަށް ސޯޝަލް ހައުސިންގް ހަމަޖައްސައިދެވިދާނެއެވެ. މިގޮތަށް ކުލި ނުދައްކައި އެތަކެއް ދުވަސްތަކެއް ވޭތުވިޔަސް އެ މީހުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތެވެ. އެކަމަކު ސައިކަލު އަދި ކާރުގެ އަހަރީ ނުދައްކާ ފަރާތްތަކަށް އެގޮތް ނޯވެއެވެ. މަގުމަތީގައި ދުއްވަން ބޭނުންވާނަމަ އަހަރީ ފީ އަދި ދެންވެސް ހުރި ޖޫރިމަނާއެއް ދައްކަންޖެހެއެވެ. މިގޮތަށް ސޯޝަލް ހައުސިންގް ޔުނިޓްތަކަށް ކުލި ނުދައްކާ ފަރާތްތަކާއިމެދު އަމަލުނުކުރެވެންވީ ސަބަބެއްނެތެވެ.
4. ވަކި ރަށެއްގެ އައިޑީ ކާޑަށް ވަކިގޮތެއް؟
ސޯޝަލް ހައުސިންގ ނިޒާމުގެ އެންމެ އަސާސީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ރައްޔިތުންނާ މެދު އެއްގޮތަށް އަމަލުނުކުރުމެވެ. މާލޭ އައިޑީ ކާޑެއް އޮތުމުން ފްލެޓް އަދި ގޯއްޗެއް ލިބުމުގައި އިސްކަންލިބެއެވެ. އެމީހަކީ މާލޭގައި އުޅޭ މީހެއްތޯ ނުވަތަ ނޫންތޯ ބެލުމެއްވެސް ނޯވެއެވެ. ދުވަހަކު މާލޭގައި ނޫޅުނަސްހެވެއެވެ. ދިރިއުޅުން އެއްކޮށް ބޭރުގައުމަކަށް ބަދަލުކޮށްގެން އުޅުނަސް މައްސަލައެއްނެތެވެ. އެކަމަކު މާލޭގައި ބޮޑު ކުލީގައި އުޅޭ މާލެ ނޫން މީހާއަށް އޮންނަނީ ހަނި ފުރުސަތެކެވެ. މިއީ އެއްވެސް ކަހަލަ އިންސާފެއް އޮތްކަމެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ރޫހާއިވެސް މުޅިން ޚިލާފްކަމެކެވެ. ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާގައި ރައްޔިތުންނާ މެދު ތަފާތުނުކުރުމާއި ހަމަހަމަކަން ގާއިމްކުރަންޖެހޭނެ ކަމަށް ބަޔާންކުރެއެވެ. އަދި 41 ވަނަ މާއްދާގެ (ހ) ގައި އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ޙައްޤު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބެންޖެހޭނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ކަންތައްތައް ވަނީ ގާނޫނު އަސާސީގެ ރޫހާއި ޚިލާފަށެވެ. މިކަމަކީ ހަމައެކަނި މާލެއަށް އޮތް މައްސަލައެއް ނޫނެވެ. ރާއްޖޭގެ އެހެނިހެން ރަށްރަށުންވެސް ގޯތިގެދޮރު ދިނުމުގައި އެރަށެއްގެ ބަޔަކު އިސްކުރާކަން ފާހަގަކުރެވެއެވެ. ސޯޝަލް ހައުސިންގް އަކީ މީހަކު ނިސްބަތްވާ ރަށަކަށް ބަލައިގެން ދޭން އޮންނަ އެއްޗެއް ނޫނެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަކީ އިތުރު ފްލެޓް އަޅައިގެން ހައްލުކުރެވޭނެ ކަމެއް ނޫން.
ދިވެހިރާއްޖޭގެ ގެދޮރުގެ މައްސަލަ ޙައްލުކުރެވޭނީ ހަމައެކަނި އިތުރު ފްލެޓްތައް ހަދައިގެން ނޫނެވެ. ގެދޮރުގެ މައްސަލަ ހައްލުކުރަން ހަގީގީ މައްސަލައަށް ރިއާޔަތްކުރަންޖެހެއެވެ. ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން އުމުރުދުވަހުގައި ކުރާ ބުރަ މަސައްކަތުން އަމިއްލަ ރަށުގައި އެކަށީގެންވާ ބޯހިޔާވެހިކަމެއް ބިނާކުރިޔަސް، އެ ބޯހިޔާވެހިކަން ދޫކޮށް މާލެއަށް ހިޖުރަކުރަން މަޖްބޫރުވެއެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެ މައްސަލަތައް ހައްލުކުރަން މާލެއަށް ބަރޯސާވާ މިންވަރުކުޑަކޮށް މާލެ ފަދަ އެހެން ސިޓީތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށް އެ ތަންތަނަށް މީހުން ހިޖުރަކުރެވޭނެ ގޮތް ހަދަންޖެހެއެވެ. މީގެ އިތުރުންވެސް ބޯހިޔާވެހިކަމުގެ މައްސަލަތައް ހައްލުކުރަން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި
- ސޯޝަލް ހައުސިންގް އަކީ އޭގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެކަން ޔަގީންކުރުން،
- ސޯޝަލް ހައުސިންގް ލިބޭ ފަރާތުން އެތަނުގައި ދިރިއުޅޭތޯ ޔަގީންކުރުމާއި، ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުން،
- ސޯޝަލް ހައުސިންގް ޔުނިޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުން،
- ސޯޝަލް ހައުސިންގް ބޭނުންވާ ފަރާތްތަކުގެ ގައުމީ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރާއި އެއްގޮތަށް އަމަލުކުރުން،
- ކޮންމެ ރަށަކުންވެސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވެހިކަން ހޯދުމަށް ހަމަހަމަ ފުރުސަތުތައް ގާއިމްކުރުން،
- ސޯޝަލް ހައުސިންގް އަކީ މިލްކުކުރެވޭ ތަރިކަ މުދަލަށް ބަދަލުވާ އެއްޗެއްގެ ބަދަލުގައި އެމީހެއްގެ ހާލަތާއި ގުޅިގެން ބަދަލުވާ ކަމެއްގެ ގޮތުގައި އޮތުން. މިސާލަކަށް މިވަގުތު 2 ރޫމްގެ އެޕާރޓްމަންޓް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮވެފައި އެމީހާގެ ހާލަތު ބަދަލުވުމުން 3 ރޫމަށް ބަދަލުވެވޭ ގޮތަށް އޮތުން.
މިހާރު މިނިޒާމް މިހިނގާ ގޮތަށް ކުރިއަށް ގެންދިއުމަކީ ދެކޮޅުޖެހޭނެކަމެއްނޫނެވެ. އަދި ދުރު މުސްތަގްބަލުގައި މި މައްސަލަ ހައްލުވުމުގެ ބަދަލުގައި މިކަން އިތުރަށް ގޯސްވާތަން މިހާރު މިނިޒާމުގައި ހުރި ކަންކަމުން ފެނިގެން އެބަދެއެވެ.
