ދިވާލީގެ ފަހުން ދިއްލީގައި ވައިގެ ހާލަތު ބޮޑަށް ހަޑިވެ، ސިޓީ ދުންވަޅުން ފޮރުވިއްޖެ
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިވާލީ ފާހަގަކުރުމާ ގުޅިގެން ވައި ނުސާފުވުމުގެ މައްސަލަ އިންތިހާއަށް ގޯސްވެ، ވިހަ ދުމާއި ދުންފިނީގެ (ސްމޮގް) ބޯ ފަށަލައަކުން މުޅި ސިޓީ ފޮރުވި، ޢާންމު ޞިއްޙަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއެވެ .
އިންޑިއާގެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ (ސީޕީސީބީ) ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނު ދިއްލީގެ ޖުމްލަ އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ރެކޯޑުކުރެވިފައިވަނީ 368 ގައެވެ. މިއީ ޞިއްޙަތަށް ނުރައްކާވާ މިންވަރުގެ "ވަރަށް ދަށު ދަރަޖަ" (ވެރީ ޕުއަރ) އެކެވެ . ނަމަވެސް، ދިއްލީގެ މަދުވެގެން 15 މޮނިޓަރިންގ ސްޓޭޝަނަކުން ވަނީ ވައިގެ ނުސާފުމިން އެންމެ ނުރައްކާތެރި، ކުއްލި ޙާލަތުގެ "ސީވިއަރ" ދަރަޖައަށް ވެއްޓިފައިވާކަން ހާމަކޮށްފައެވެ. މިގޮތުން، ޖަހަންގީރްޕުރީގައި އޭކިއުއައި 433 އަށް އަރާފައިވާއިރު، ބުރާރީ ކްރޮސިންގ އަދި ސޯނިއާ ވިހާރުގައި 441 ރެކޯޑުކުރެވުނެވެ. އަދި ވިވެކް ވިހާރުގައި 437، ދިއްލީ ޓެކްނޮލޮޖިކަލް ޔުނިވަރސިޓީ (ޑީޓީޔޫ) ސަރަޙައްދުގައި 434 އަދި ރޯހިނީގައި ވަނީ 430 އަށް އޭކިއުއައި މައްޗަށް ގޮސްފައެވެ.
މިފަހަރުވެސް ވައިގެ ފެންވަރު އިންތިހާއަށް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ، ސަރުކާރުން އަޅާފައިވާ ހަރުކަށި މަނާކުރުންތަކާ ޚިލާފަށް ދިވާލީ ރޭ އާންމުން ގިނަ އަދަދަކަށް ބަޑިބޭހާއި ރޮކެޓް ފަދަ ތަކެތި ރޯކުރުމުން އުފެދުނު ވިހަ ދުމެވެ . މީގެ އިތުރުން ފިނި މޫސުން ފެށުމާއެކު ޖައްވުގައި ފިނިހޫނުމިން ދަށްވުމާއި، ވައިގެ ބާރުމިން ވަރަށް ބޮޑަށް ދަށްވެފައި އޮތުމުގެ ސަބަބުން، ދުއްވާ އުޅަނދުތަކުގެ ދުމާއި، ކާރުޚާނާތަކުގެ ވިހަ ގޭހާއި، އަދި ކައިރި ސްޓޭޓްތަކުގެ ދަނޑުތަކުގައި ބާކީ ހުންނަ ކުނި އެންދުމުން އުފެދޭ ދުން ޖައްވުގައި ހަރުލައި، ބިމާ ކައިރީގައި ތާށިވެފައި ހުންނަނީއެވެ.
މި ނާޒުކު ހާލަތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ "ގްރޭޑެޑް ރެސްޕޮންސް އެކްޝަން ޕްލޭން" (ގްރެޕް) ގެ ދަށުން އަޅަންޖެހޭ ކުއްލި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓުވުމާއި، ދުން ބޮޑަށް ބޭރުކުރާ ބާވަތުގެ ޑީސަލް އުޅަނދުތައް ސިޓީއަށް ވަނުން މަނާކުރުމާއި، އަދި މަގުތަކުގައި ފެން ޖަހައިގެން ހިރަފުސް ކޮންޓްރޯލްކުރުން ހިމެނެއެވެ.
ޞިއްޙީ މާހިރުން އިންޒާރުދެއްވާ ގޮތުގައި، ވައިގެ ތެރޭގައި ޕީއެމް 2.5 (PM2.5) ގެ ކުދި ވިހަ މާއްދާތައް ގިނަވުމުގެ ސަބަބުން، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ހިތުގެ ބަލިތައް ތަޙައްމަލުކުރާ މީހުންނާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތްތައް މެދުވެރިވުން ގާތެވެ. އެހެންކަމުން، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުދިއުމަށާއި، ބޭރަށް ނުކުންނައިރު އެން-95 (N95) މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
