ދަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ޓެނެރީފްގެ ފޯވަޑް ޑެ މިގޭލް ނިޔާވެއްޖެ؛ ސްޕެއިންގެ ފުޓްބޯޅައަށް ބޮޑުޝޮކެއް!
ސްޕެއިންގެ ދެވަނަ ޑިވިޝަން (ލާލީގާ ހައިޕަރމޯޝަން) ގައި ސީޑީ ޓެނެރީފާއި އެފްސީ އެންޑޯރާ ބައްދަލުކުރި މެޗުގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން، ޓެނެރީފްގެ އުމުރުން 30 އަހަރުގެ ފޯވަޑް ހެސޫސް ދެ މިގޭލް އިއްޔެ ހެނދުނު 08:00 ހާއިރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ ކުޅެވުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮއްވައެވެ. ޓެނެރީފްގެ މެދުތެރެއިން ދަނޑުގެ މެދެއްހާ ހިސާބުން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކަށް ދެ މިގޭލް ކުރިއަށް ޖެހުނު ވަގުތު، އެންޑޯރާގެ އިކުއޭޓޯރިއަލް ގިނީއަށް ކުޅޭ ގޯލްކީޕަރު ހެސޫސް އޮވޯނޯ އޭރިއާ ބޭރަށް ނުކުމެ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި، އޭނާގެ ކަކޫ ދެ މިގޭލްގެ މޭމަތީގައި ވަރަށް ބާރަށް ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މި ހާދިސާއާ ގުޅިގެން ކީޕަރު އޮވޯނޯއަށް ސީދާ ރަތް ކާޑެއް ދައްކައި، މެޗުގެ 108 ވަނަ މިނެޓުގައި މެޗު ވަނީ މުޅިން ހުއްޓާލާފައެވެ.
🚨🚨| A reckless tackle in the Spanish Second Division resulted in the death of 30 year old Jesus Miguel. RIP. 🕊️ https://t.co/lrGqjojuhx
— Shuffle FC (@ShuffleFC) November 3, 2026
އަނިޔާވުމާއެކު ދަނޑުމައްޗަށް ވެއްޓި ހޭނެތުނު ޑެ މިގޭލްއަށް ދަނޑުމަތީގައި ވަގުތުން ސީޕީއާރު ދިނުމަށްފަހު، އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް، މޭމައްޗަށް ލިބުނު ގަދަފަދަ ހަމަލާގެ ސަބަބުން ކާޑިއެކް އަރެސްޓެއް (ހިތް ހުއްޓުން) ކުރިމަތިވެ، އަންގާރަ ދުވަހުގެ ހެނދުނު އޭނާ ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން، އެންޑޯރާގެ ގޯލްކީޕަރު ހެސޫސް އޮވޯނޯ ހުރީ ލިބުނު ފުން ސޮކާއި ހިތާމައިގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެ ކުލަބުން ބުނެފައިވާ ގޮތުގައި، މިއީ އެއްވެސް ޙާލެއްގައިގަސްތުގައި ހިންގި ޢަމަލެއް ނޫން ކަމަށާއި، ކީޕަރަށް ކުރިމަތިވި ކުއްލި ކަންތައްތަކާއެކު އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. އަދި ޑެ މިގޭލްގެ އާއިލާއަށް އަމިއްލައަށް ގުޅައި މައާފަށް އެދުމުގެ ކަންތައްތައް އޭނާ އަންނަނީ ރާވަމުންނެވެ. ނަމަވެސް، މި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު އޮވޯނޯއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭނާއަށް ތަފާތު އިންޒާރުތަކާއި ނަފްރަތުގެ ބަސްތައްވެސް ވަނީ ލިބިފައެވެ.
މި ކަށަވަރުވި ހިތާމަވެރި ޚަބަރާއެކު ޓެނެރީފް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މުޅި ކްލަބަށާއި ސަޕޯޓަރުންނަށް ލިބުނު ފުން ހިތާމައެއް ކަމަށާއި، މި ހިތާމަ ބަޔާންކޮށްދޭނެ އެއްވެސް ލަފުޒެއް ނެތް ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ލިބުނު ބޮޑު ހިތާމައިގައި މުޅި ކްލަބް ބައިވެރިވާ ކަމަށް ބުނެފައިވެއެވެ.މެޑްރިޑަށް އުފަން ޑެ މިގޭލްގެ އަންހެނުންނާއި ކުޑަ އަންހެން ދަރިއަކު ދުނިޔޭގައި އެބައޮތެވެ.
މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ފުލުހުން މިހާރު ވަނީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އިތުރު ތަޙުޤީޤެއް ފަށާފައެވެ. މީގެ އިތުރުން، ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން، އެފްސީ އެންޑޯރާގެ އޯނަރު ޖެރާޑް ޕިކޭ ، އަދި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ފަދަ މަޝްހޫރު ފަރާތްތަކުން ވަނީ ޑެ މިގޭލްގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، ރެއާލް މެޑްރިޑްގެ ޕްރެކްޓިސް ފެށުމުގެ ކުރިން އޭނާގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއްވެސް ގެނެސްފައެވެ.
