އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވީޓޯ ނިޒާމަށް ބަދަލު ގެނައުމަށް ރާއްޖެއިން ގޮވާލައިފި
އދ. ގެ ސެކިއުރިޓީ ކައުންސިލްގައި މިހާރު އޮންނަ ވީޓޯ ނިޒާމު އިސްލާޙުކޮށް، ކުޑަ ޖަޒީރާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ސަލާމަތީ މަޖިލުން ގޮޑިޔެއް ދިނުމަށް ދިވެހިރާއްޖެ އިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވާލެއްވީ މިހާރު ހިނގަމުންދާ އދ. ގެ 81 ވަނަ އާއްމު މަޖިލީހުގެ ޖަލްސާގައެވެ. މިޖަލްސާގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ ވާހާކަފުޅު ދެއްކެވީ ރާއްޖޭގެ ނާއިބު ރައީސް ޙުސަން މުޙައްމަދު ލަތީފެވެ.
ރާއްޖެއިން ބުނެފައިވަނީ 20 ވަނަ ޤަރުނުގެ ސިޔާސީ ޙާލަތްތަކުގެ މަތިން އުފެދުނު ވީޓޯ ނިޒާމަކީ ދުނިޔޭގެ މިވަގުތުގެ ޙާލަތާއި ގުޅޭ ނިޒާމެއް ނޫންކަމުގައި ރާއްޖެއިން ދެކޭކަމަށެވެ. އެހެންވެ، ބޮޑެތި ބާރުވެރި ޤައުމުތަކަށް އެކަނި ޚާއްޞަ ބާރު ދޭ ނިޒާމު ބަދަލުކޮށް، ޤައުމުތަށް އިންސާފުވެރިކޮށް ތަމްސީލު ކުރެވޭ ގޮތަށް އދ.ގެ އިދާރީ ނިޒާމް އިޞްލާޙުކުރުން މުހިންމުކަމަށް ރާއްޖެއިން ފާހަގަކުރިއެވެ.
އަދި ކުޑަ ޖަޒީރާ ޤައުމުތަކަކީ ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާތީ އާއި މޫސުމީ ބަދަލުތަކާއި އިޤްތިޞާދީ ޗެލެންޖުތަކުގެ ސީދާ އަސަރުކުރާ ބޮޑަށް ކުރާ ބަޔަކަށްވުމުން، ދުނިޔޭގެ މުހިންމު ސަލާމަތީ ނިންމުންތަކުގައި އެ ޤައުމުތަކުގެ އަޑު އިވޭނެ ގޮތެއް ހެދުން ވަރަށް މުހިންމު ކަމަށް ރާއްޖެއިން ބުނެއެވެ.
އދ. ގެ ސަލާމަތީ މަޖިލިސް މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެމެރިކާ އަދި ބޮޑެތި ޤައުމުތަކުން އެހާބޮޑަށް ބޭނުމެއް ނުވެއެވެ. އެއީ ދުނިޔޭގެ ކަންކަން މިހާރު މިޤައުމުތަކުން ކޮންޓްރޯލް ކުރާގޮތަށްކޮށް، އެކަން އެގޮތުގައި ދެމެހެއްޓުމަށް މިޤައުމުތަކުން ބޭނުންވާތީއެވެ. ނަމަވެސް ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ޙައްލު ކުރުމަށް އދ. މިހާރު ފެއިލް ވަމުންދާތީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އދ. ރިފޯމް ކުރަން ބޭނުންވާ ކަމަށް ބުނަމުން ގެންދެއެވެ.
